twitterviber whatsapp telegramfacebookyoutube instagram
19th April 2024

އޮފީސް މުބާރާތުގެ ގަދަ 8 ޓީމުގެ ކުރިމަތިލުންތައް މިރޭ ފަށަނީ

މުޙައްމަދު އަހުމަދު
Mar 23, 2022
1

މިހާރު ކުރިއަށްދާ ހިރަފުސް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ ފަށަން ތައްޔާރުވެފައިވާއިރު ކުއާޓާ ފައިނަލް ފެށިގެންދާނީ ޕޮލިހާއި ކޭއާރުއެޗުގެ ކުރިމަތިލުމަކުންނެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ރޭ ނިމިފައިވާއިރު ކުއާޓާ ފައިނަލު ކުޅޭ ޓީމުތައް މިހާރު ވަނީ ޔަގީންވެފަ އެވެ. މިމުބާރާތަކީ ހިރަފުހުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތެވެ.

ހިރަފުހުން ބާއްވާ ދެވަނަ އޮފީސް ފުޓްސަލް މުބާރާތަށް މިމުބާރާތްވާއިރު މީގެކުރިން މިމުބާރާތް ބޭއްވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ހިއްލާލީ ޕޮލިސް ބަލިކޮށް ކޭޕީއެލުންނެވެ.

މިފަހަރުގެ ކުއާޓާ ފައިނަލުގެ މެޗުތައް:

މެޗް 1: ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) - ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)

ޕޮލިހާއި ކޭއާރުއެޗު ބައްދަލުކުރާ މެޗުން މިރޭ ކުއާޓާގެ މެޗުތައް ފަށާއިރު ކޮންމެ ރެއަކު ކުޅެވޭނީ ދެ މެޗެވެ. ޕޮލިހާއި ކޭއާރުއެޗު ބައްދަލުކުރާ މެޗު ފަށަން ހަމަޖެހިފައިވަނީ މިރޭ 21:30 ގަ އެވެ. ކޭއާރުއެޗު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނި ގްރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގައި ޖުމްލަ 7 ޕޮއިންޓާއެކުގަ އެވެ. އަދި ޕޮލިސް ކުއާޓާއަށް ދަތުރުކުރީ ޖުމްލަ 10 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މެޗް 2: ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް) - ކުލަބް ކޭއާރުއެޗް

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 22:30 ގައި ބައްދަލުކުރާނީ 10 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނަ ހޯދި ކޭޕީއެލާއި ގްރޫޕް އޭގެ ތިންވަނަ ހޯދި ކުލަބް ކޭއާރުއެޗެވެ. ކޭއާރުއެޗަށް ގްރޫޕް ސްޓޭޖްގައި ލިބިފައިވަނީ 6 ޕޮއިންޓެވެ.

މެޗް 3: ކުޅުދުއްފުށީ އެއާޕޯޓް (އެޗްޑީކޭ) - އެސްޓީއޯ އާރްސީ

ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މާދަމާ ރޭ 21:30 ގައި އެސްޓީއޯއިން ނުކުންނާނީ އެޗްޑީކޭއާ ދެކޮޅަށެވެ. ކުއާޓާއަށް އެސްޓީއޯ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި 8 ޕޮއިންޓާއެކު ދަތުރުކުރިއިރު އެޗްޑީކޭ ކުއާޓާއަށްދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ޖުމްލަ 9 ޕޮއިންޓާއެކުގަ އެވެ.

މެޗް 4: ކަސްޓަމްސް އާރްސީ - އާރްޑީސީ

ކުއާޓާ ފައިނަލުގެ ފަހުމެޗުގައި މާދަމާ ރޭ 22:30 ގައި ކަސްޓަމްސްއިން ނުކުންނާނީ އާރްޑީސީއާ ދެކޮޅަށެވެ. ކަސްޓަމްސް ކުއާޓާއަށް ދަތުރުކުރީ 9 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އާރްޑީސީ ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ސީގެ ދެވަނައިގެ ގޮތުގައި ޖުމްލަ 6 ޕޮއިންޓާއެކުގަ އެވެ.

ހިރަފުހުން ހާމަކުރާގޮތުގައި މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާ އެކުވެރިކަން އާލާކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުން ކަމަށެވެ.

އަދި ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންގެ ޓީމްވޯކް ކުޅިވަރުގެ ތެރެއިން ރަނގަޅުކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން މުއައްސަސާތަކާއި ކުންފުނިތަކުގެ ގުޅުން ބަދަހިކުރުމަކީ ވެސް މިމުބާރާތުގެ މަގުސަދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355