twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ސެމީގައި ކެޑާއި ފައިވްގެ ގަދަފަދަ ކުރިމަތިލުމެއް!

Mar 25, 2022

މިހާރު ކުރިއަށްދާ ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ސެމީގައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އަދި އެންމެފަހުގެ ޗެމްޕިއަން ފައިވް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކެޑާއި ފައިވް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާއިރު މަންތާ ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފަ އެވެ. މިރޭ ކުޅެވޭ ސެމީގައި މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނަން ޖެހޭނީ މަންތާއާ ދެކޮޅަށެވެ.

މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ޓީމަކީ މަންތާއަށްވާއިރު އެޓީމުން ފައިނަލަށް ދިޔައީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ލީގު ފޯމެޓަށް މިމުބާރާތް ކުޅުންއިރު އެއްވަނަ ޓީމު އޮތީ ސީދާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގައަށް ޖެހޭނީ 2 ވަނަ އަދި 3 ވަނައަށް ދިޔަ ޓީމު ވާދަކުރާށެވެ.

ލީގު ބުރުގެ ދެވަނަ ހޯދައިގެން ކެޑުން ސެމީއަށް ދަތުރުކުރިއިރު ފައިވްއަށް ލިބުނީ ލީގު ބުރުގެ ތިންވަނަ އެވެ. އެހެންނަމަވެސް ފައިވް އަކީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންކަން ވެސް ފާހަގަކޮށްލެވެ އެވެ. މިމުބާރާތުގެ ލީގު ބުރުގައި ކެޑާއި ފައިވް ބައްދަލުކުރި މެޗު ކާމިޔާބުކުރީ 2 - 1 ން ކެޑުންނެވެ.

ހިރަފުހުން ހާމަކުރިގޮތުގައި އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމުގެ އިތުރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމެވެ.

ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ އެކުވެރިކަން އާލާކުރުމުގެ އިތުރަށް ކުޅުދުއްފުށީގެ ޒުވާނުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމަކީ މިމުބާރާތުގެ މަގްސަދެކެވެ.

މިއީ އަންހެނުންނަށް އަމާޒުކޮށްގެން ހިރަފުހުން މިގޮތަށް ބާއްވާ 3 ވަނަ ފުޓްސަލް މުބާރާތެވެ. އެންމެ ފުރަތަމަ މުބާރާތުގެ ތަށި ހިއްލާލީ ޓީމް އީގަލްއިންނެވެ. އަދި އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ފައިވް އެވެ.

ކެޑާއި ފައިވް ބައްދަލުކުރާ ފޯރިގަދަ ސެމީ ފަށާނީ މިރޭ 20:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ. މިމެޗު ހިރަފުސް ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355