twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކެޑުން ގަދަފަދަ މަންތާއާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Mar 26, 2022

މިހާރު ކުރިއަށްދާ ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލުގައި ކެޑުން މިމުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ގަދަފަދަ މަންތާއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މިރޭ ކުޅެވޭ ފައިނަލުގައި މަންތާއާއި ކެޑު ބައްދަލުކުރާއިރު މި ފައިނަލު ވެގެންދާނީ މިމުބާރާތުގައި ފެންނަ އެންމެ ވަރުގަދަ އެއް މެޗަށެވެ. ކެޑު ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ދެވަނަ ހޯދާ، ސެމީގައި ފައިވް ބަލިކޮށެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗު 2 - 1 ން ކެޑުން ކާމިޔާބުކުރިއިރު އެމެޗުގައި ވަނީ ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ. ސެމީގައި މޮޅު ކުޅުމެއް ދައްކާ ފައިވް ބަލިކޮށް ކެޑުން ފައިނަލަށް ދަތުރުކުރި ނަމަވެސް ފައިނަލް މެޗު އެޓީމަށް ފަސޭހައެއްނުވާނެ އެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މީގެކުރިން ކެޑާއި މަންތާ ބައްދަލުކުރި މެޗު 5 - 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ މަންތާއިންނެވެ. ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނައިގައި ސީދާ ފައިނަލަށް މަންތާ ދަތުރުކުރިއިރު އެޓީމުގެ ޖޯޒީ ނަމްބަރު 8 އިނާޝާއާއި ޖޯޒީ ނަމްބަރު 10 މިއުޝާގެ ކުޅުން ވަރަށް ބޮޑަށް މިމުބާރާތުގައި ފާހަގަވެގެންދިޔަ އެވެ.

އެދެކުޅުންތެރިން ފައިނަލުގައި ވެސް ވިދާލާނެކަމަށް ބެލެވޭއިރު ހުނަރުވެރި މިއުޝާ ހިފަހައްޓަން ކެޑަށް އުދަނގޫވާނެއިރު މަންތާގެ ކުޅަދާނަ ޑިފެންޑަރު އިނާޝާ ބީޓްކޮށްލާފައި ދިޔުމަކީ ވެސް ކެޑަށް ވަރަށް އުދަނގޫކަމަކަށްވާނެ އެވެ.

މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ވެސް މަންތާގެ ފާތިމަތު މިއުޝާ އެވެ. އޭނާ މިމުބާރާތުގައި މިހާތަނަށް ވަނީ ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ލަނޑު ލިސްޓުގެ ދެވަނައިގައި 5 ލަނޑާއެކު އޮތީ މަންތާގެ އިނާޝާއާއި ފައިވްގެ އާމިނަތު އަބްދުލް އަޒީޒެވެ.

ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ މަންތާއާއި ކެޑް ބައްދަލުކުރާ މެޗު ފަށާނީ 20:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355