މިހާރު ކުރިއަށްދާ ހިރަފުސް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީގައި ރޭ ފަހުވަގުތު ކޭޕީއެލް ކޮޅަށް ޖެހި ލަނޑާއެކު އެސްޓީއޯ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގައި ރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗުތަކުގެ ތެރެއިން ކޭޕީއެލް އަދި އެސްޓީއޯ އާރްސީ ބައްދަލުކުރި މެޗު 3 - 2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެސްޓީއޯ އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ކޭޕީއެލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ހަސަނެވެ. އޭގެ ދެމިނެޓު ފަހުން އެސްޓީއޯ އާރްސީގެ އަހްމަދު ނަދީމް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެހެންނަމަވެސް މެޗުގެ 9 ވަނަ މިނެޓުގައި އަނެއްކާވެސް ކޭޕީއެލުން ލީޑު ނެގި އެވެ. މިލަނޑު ކާމިޔާބުކުރީ އެޓީމުގެ އަބޫބަކުރު އަލީ އެވެ.
މެޗުގައި އެސްޓީއޯގެ ދެވަނަ ލަނޑު ނަދީމް ޖެހިއިރު އެޓީމު މޮޅުވި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 9 އިބްރާހިމް އާސިފެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޓީއޯ އާރްސީގެ އަހްމަދު ނަދީމެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލުގެ އަނެއް މެޗުގައި ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ)ން ވަނީ ފަސޭހަކަމާއެކު 6 - 0 ގެ ނަތީޖާއާއެކު ކަސްޓަމްސް ބަލިކޮށްފަ އެވެ. މެޗުގައި ޕޮލިސް ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. ކަސްޓަމްސް ޓީމުގެ ކުޅުން ރޭ ރަނގަޅަށް ދައްކައިނުލެވުނުކަން ފާހަގަކުރެވެ އެވެ.
ރޭގެ މެޗުގައި ޕޮލިހުގެ އަބްދުﷲ ޒުބައިރާއި މުހައްމަދު ހަސަން، ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ޖެހިއިރު ފަރުހަތު މުހައްމަދާއި އަހްމަދު ގާސިމް، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭސީޕީގެ މުހައްމަދު ހަސަނެވެ.
މިމުބާރާތުގެ ފައިނަލުގައި އެސްޓީއޯއާއި ކޭސީޕީ ބައްދަލުކުރާއިރު އެމެޗު ފަށާނީ މާދަމާ ރޭ 20:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.