ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް (ކޭއެމްއެސް)އިން އިންތިޒާމްކޮށްގެން ބޭއްވި ނައިޓްރޯ ކިންގް ޑްރެގް ރޭހުގެ ޗެމްޕިއަންކަން ހުސެއިން އަހްމަދު (އޮރިޓޯ) ހޯދައިފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ބޭއްވި ނައިޓްރޯ ކިންގް އިވެންޓްގެ ޗެމްޕިއަންކަން އޮރިޓޯ ހޯދީ ފައިނަލުގައި މުހައްމަދު ހުމާމް ބަލިކޮށްގެންނެވެ.
125 ސީސީން 150 ސީސީއަށް އޯޕަން އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މިރޭހުގައި 17 ރައިޑަރުން ބައިވެރިވެފައިވެ އެވެ. ނައިޓްރޯ ކިންގް 2 ގެ ފައިނަލުގައި ހުމާމް ބަލިކޮށް އޮރިޓޯ ޗެމްޕިއަންކަން ހޯދިއިރު އޮރިޓޯ ވަނީ ރޭސިން އެސޯސިއޭޝަނުން ހުޅުމާލޭގައި އެންމެފަހުން ބޭއްވި ޑްރެގް ރޭހުގެ އަންޑަރ ބޯން ކިންގް ހޯދާފަ އެވެ.
ހުޅުމާލޭގައި އޮތް މުބާރާތުގައި 135ސީސީގެ ފައިނަލުގައި ވެސް ވާދަކުރީ އޮރިޓޯއާއި ހުމާމެވެ. އެހެންނަމަވެސް އެފަހަރު 135 ގެ ކިންގް ނެގީ ހުމާމެވެ. މިފަހަރުގެ ނައިޓްރޯ ކިންގް އިވެންޓުގެ ފައިނަލަށް އޮރިޓޯ ދަތުރުކުރީ ސާވީ، ހަސިއްޓެ، މިންމި އަދި އަނީޒް ބަލިކޮށެވެ. ހުމާމް ފައިނަލަށް ދަތުރުކުރީ ޗިންކީ، ޔާއްޓު އަދި ކުޑަ ރިއްޓެ ބަލިކޮށެވެ.
ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މިރޭހަކީ މިއަހަރުގެ ޑިސެމްބަރުގައި އޮންނަ ރޯޑް ކިންގް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ އިވެންޓެކެވެ.
މިރޭހުގެ ޗެމްޕިއަނަށް ފައިސާގެ އިނާމާއި ގިފްޓް ޕެކެއް އަދި ޓްރޮފީއެއް ވެސް ދީފައިވެ އެވެ.
ކޭއެމްއެސްއިން ހާމަކުރި ގޮތުގައި މި އިވެންޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ. އަދި ހާއްސަކޮށް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު މިއިވެންޓްގައި އެސިސްޓްކޮށްދީ ވެދެއްވި އެހީތެރިކަން ފާހަގަކުރި އެވެ.
މީގެއިތުރުން ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ފަރާތުން ވެސް އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަން ކޭއެމްއެސްއިން ވަނީ ފާހަގަކޮށްފަ އެވެ.