twitterviber whatsapp telegramfacebookyoutube instagram
17th September 2024

ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން މިމަހު ފަށަނީ

މުޙައްމަދު އަހުމަދު
Aug 12, 2024

ރޭސިންގް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރ އޭ އެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ރާސް ޗެމްޕިއަންޝިޕުގެ ކުޅުދުއްފުށި އެޑިޝަން މިމަހު 23 - 24 ގައި ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރުގެ އިވެންޓް ޓައިޓަލް ޕާޓްނާރ އަކީ ހޮންޑާ އެވެ. މިއީ ހޮންޑާއިން މި އިވެންޓުގެ ޓައިޓަލް ސުޕޮންސާ ނެގި 3 ވަނަ އަހަރެވެ.

އެސޯސިއޭޝަންގެ ހުރިހާ އިވެންޓެއްގައި ހޮންޑާގެ ހިއްސާ ބޮޑުކަމާއި އަދި މި ކުޅިވަރަށް އެތަކެއް ގޮތަކުން ތަރުހީބުދީ ކުރިއަރުވަން އެތަކެއް މަސައްކަތެއް ކޮށްދެމުން އަންނަ ކުންފުންޏެއް ކަން އާރު އޭ އެމްއިން ފާހަގަ ކުރެ އެވެ.

މިމުބާރާތަކީ ކޮންމެ އަހަރަކުވެސް އެކި ސިޓީތަކަށް ބަހާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ޑުރޭގް ރޭސިންއަކީ އެއްހަމައެއްގައި ދެ ވެހިކަލް އޮވެ އެ އިންނަ ކަމަށް ހާއްސަ ބޮކިތަކެއް ފެހިވުމުން ނައްޓާލާ އަވަހަށް ނިންމާ ރޭސިން ޑިސިޕްލިންއެކެވެ.

މިއީ ޒުވާނުންގެ ތެރޭގައި ޒަމާންތަކެއް ވަންދެން މަގުބޫލުކަން ހޯދާފައިވާ ކުޅިވަރެއް ކަމުގައްޔާއި ކުޅުދުއްފުއްޓަކީ ޑުރޭގް ރޭސިންގެ އަންޑަބޯން ކެޓަގުރީ ތަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ރައިޑަރުން އަދި އިންޖިއަނަރުން ތިބި ސިޓީކަން ރޭސިންގ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

މިއަހަރު ރާސްގެ އޮތީ 3 އެޑިޝަންއެވެ. އެއީ ކުޅުދުއްފުށި އެޑިޝަން، ހުވަދޫ އެޑިޝަން އަދި ގުރޭޓާ މާލެ އެޑިޝަން އެވެ. އެގޮތުން އަންނަމަހު ހުވަދޫ އެޑިޝަން ބޭއްވުމަށްވެސް ވަނީ ރޭސިންގް އެސޯސިއޭޝަން އިން މަސައްކަތް ފަށާފައެވެ. އެއިވެންޓް ބޭއްވުމަށް ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު 13 ވަނަ ދުވަހަށެވެ. އަދި މާލެ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 4 ގަ އެވެ.

އެހެން އަހަރުތެކޭ އެއްފަދައިން މިއަހަރުވެސް ތަފާތު 20 ކެޓަގަރީގެ އިވެންޓްތައް އޮންނާނެ އެވެ.. މިއީ ހުރިހާ ފެންވަރެއްގެ ވެހިކަލް ތަކަށް ބަހާލައިގެން ހަމަ އެކަނި ރާއްޖޭގައި ބާއްވާ ނެޝަނަލް މޮޓޯ ސުޕޯޓްސް އިވެންޓުކަންވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.

"ރާސް ޗެމްޕިއަންޝިޕްއަކީ ވަރަށް ކާމިޔާބު މުބާރާތެއް. އެތަކެއް ކުދިންނެއް ބައިވެރިވާ މި މުބާރަތް ފުރިހަމަ ވަނީ ރަށްރަށުން އެ ދެއްވާ އެއްބާރުލުމުގެ ސަބަބުން. ޒުވާނުންނަށް އިސްނަގައިގެން މި ގޮތަށް ހިންގާ މުބާރަތްތައް އެހެން އެސޯސިއޭޝަންތަކުންވެސް ގިނައިން އަތޮޅުތަކަށް ފޯކަސް ކޮށްގެން ހިންގާ މަންޒަރު ފެނުން އެއީ އަޅުގަނޑުނެން ވަރަށް ދެކެން ބޭނުންވާ ދުވަހެއް. މިވަރުގެ ކަމެއް ކުރުމުގައި އެތަކެއް ގޮންޖެހުމެއް ހުރިކަމުގައި ވީ ނަމަވެސް ޖެހިޖެހިގެން 3 ވަނަ އަހަރު މިކަން މި ކުރެވެނީ ވަރަށް ހީވާގި ޓީމެއް އަޅުގަނޑުމެން ފަހަތުގައި އޮތީމާ، އަދި އެޔާ އެކު ގާތުގައި ސުޕޮންސަރުންތަކެއް ތިބީމަޔާވެސް އެކު. ހުރިހާ ފަރާތް ތަކަށް ޝުކުރުއަދާ ކުރަން."- އާރ އޭ އެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޙަމްދާން ވިދާޅުވި އެވެ.

މިއަހަރުގެ ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވެފައިވަނީ ޖުމްލަ 27 ރައިޑަރުންނެވެ. ކުޅުދުއްފުށީގައި ރާސް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވިފައި ވަނީ 2022 ވަނަ އަހަރު ޖުމްލަ 30 ބައިވެރިންނާއި އެކުގައެވެ. މިކުޅިވަރުގައި ހަރަކާތްތެރިވާ ކުޅުދުއްފުށީގެ ފަރާތްތަކާއި ކޭއޯއިން މައުލޫމާތު ހޯދާލުމަށް ބައްދަލުކުރި ކުރުމުން ފާހަގަވީ ގިނަ ރައިޑަރުން ބައިވެރި ނުވީ އާއިލީ ޒިންމާގެ ސަބަބުން ކަމަށެވެ.

އާރު އޭ އެމްއިން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރު ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވެފައިވާ ފަރާތްތައް މަދުވެފައިވަނީ އެސޯސިއޭޝަނުގެ ސަލާމަތީ އަދި އެހެނިހެން ގަވާއިދުތަކަށް 2023 ވަނަ އަހަރު ގެނެވުނު ބަދަލުތަކާއި އެއްގޮތަށް ރައިޑަރުން ތައްޔާރުވެނެތުމެވެ. އަދި މާލޭގައި ވަޒީފާ އަދާކުރާ ކުޅުދުއްފުށީގެ ގިނަ ރައިޑަރުން އުޅޭތީ އެރައިޑަރުން ހުރިހާ ކަމަކަށް ބަލާފައި ހިޔާރުކުރަނީ މާލޭ އެޑިޝަންގައި ވާދަކުރުމަށް ކަމަށްވާތީ އެވެ.

މިފަހަރު ކުޅުދުއްފުށި އެޑިޝަންގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ޕީޑީ 125,160, އަންޑަރ ބޯން އޯޕަން، އެމް 160, ޓީއެސް 65, އެސްޕީޑީ، އަދި ހޮންޑާ ވިނާރ އެކްސް ކެޓަގަރީއެވެ.

އަންޑަރ ބޯން އޯޕަންގައި ވާދަ ކުރާނީ ޕީޑީ 125, ޕީޑީ 160, އެމް 160, ޓީއެސް 65 އަދި އެސްޕީޑީ، މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ ކުރިހޯދާ 4 ރައިޑަރުންނެވެ. ޖުމްލަ އަންޑަރ ބޯން އޯޕަންގައި ވާދަކުރެވޭނީ 20 ރައިޑަރުންނަށެވެ.

މިފަހަރުގެ ޑްރެގް ރޭހުގެ ދިގުމިނަކީ ވެސް އަންޑަރ ބޯން ސައިކަލުތަކަށް 201 މީޓަރު އަދި ސްޕޯޓް ބައިކާއި ކާރުތަކަށް 300 މީޓަރެވެ. މިއިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23-24 ގައި ކުޅުދުއްފުށީގެ އަމީނީމަގުގަ އެވެ.

އަދި އާރު އޭ އެމްއިން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ މުބާރާތަށް ކުޅުދުއްފުށީ އަމީނީމަގު މަރާމާތުކުރުމަށް އާރުޑީސީއާ ގުޅިގެން ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އާރު އޭ އެމްއިން ވިދާޅުވީ އެއެސޯސިއޭޝަނާއި އެއެސޯސިއޭޝަނުން ބާއްވާ ހުރިހާ އިވެންޓްތަކަކީ ވެސް ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން އޮންނަ އުސޫލުގެ ދަށުން ހުރިހާ ގާނޫނީ ހުއްދަތަކެއްގެ ދަށުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި ދުއްވުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އާރު އޭ އެމްއިން ބުނެއެވެ.

މިހެން ބުނެފައި މިވަނީ ދާދި ފަހުން ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން އާރު އޭ އެމްއިން އިތުރަށް ބުނީ ހުރިހާ ސްޕޯޓްސް ކާރުތަކާއި މަގުމަތީގައި ބާރަށް ދުއްވާ ކޮންމެ ވެހިކަލްއަކީ އެއެސޯސިއޭޝަނާއި ގުޅުންހުރި ވެހިކަލްތަކެއް ނޫންކަމަށާއި އަދި އެއެސޯސިއޭޝަނާއި ގުޅުންހުރި ފަރާތްތަކުން އެކަހަލަ ކަމެއް ކޮށްފިނަމަ އުސޫލުގެ މަތިން އެފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔައަހަރު ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން ކުރިއަށް ގެންގޮސްފައިނުވެ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިދިޔައަހަރު ހުއްދަ ދިނީ އެންމެ ރޭސިންގ އިވެންޓަކަށެވެ. އެއާ ގުޅިގެން މިދިޔަ އަހަރު ބާއްވައިފައިވަނީ ކޭއެމްއެސްގެ އިވެންޓެވެ. ނަމަވެސް ކޭއެމްއެސްގެ އިވެންޓު މިއަހަރު ނޯންނާތީ އާރު އޭ އެމްއިން ބާއްވާ އިވެންޓަށް ފުރުސަތު ލިބުނީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355