ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކޮށް ރާއްޖޭގެ ފުޓްސަލް ރަސްކަން ތ. ތިމަރަފުށިން ދިފާއުކޮށްފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 3 ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމުކަމަށްވާ ތިމަރަފުއްޓަކީ އެންމެފަހުން ބޭއްވި މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ. އެޓީމު ތަށި ހިއްލާލާފައިވަނީ 2016، 2019 އަދި 2022 ގަ އެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 0 - 0 ން އެއްވަރުވެ އޮވެ އެވެ. މެޗުގެ ދެވަނަ ހާފު ތިމަރަފުއްޓަށް ލީޑު ނަގައިދިނީ އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ދެވަނަ ލަނޑު ޖަހާ ތިމަރަފުއްޓަށް ލީޑު ފުޅާކޮށްދިނީ ގަބޭ ތަނަވަސްކުރި ފުރުސަތަކުން ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) އެވެ.
މެޗުގެ ފޯރިގަދަވެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލީ ގާފަރުން ގަދަ ހިތްވަރެއް ދައްކާ މެޗުގެ ނަތީޖާ ހަމަހަމަކުރުމުންނެވެ. އަޒްޔާން އިބްރާހިމްގެ ގޯލަކުން ގާފަރުން ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑަކީ އަލީ މާއިސް (މައްޓު)ގެ ހިތްގައިމު ގޯލެކެވެ. 3 ކުޅުންތެރިން ބީޓް ކޮށްލުމަށްފަހު މައްޓު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ތިމަރަފުށި މޮޅުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެޓީމުގެ ތަރި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މުބާރާތުގެ ބެސްޓް ރެފްރީއަކަށް ހޮވުނީ އަހްމަދު މުނީރެވެ. ބެސްޓް ސަޕޯޓާސް ޓީމުގެ ފަހުރު ހޯދީ އއ. މަތިވެރިންނެވެ.
ފެއާޕްލޭ ޓީމަކަށް ށ. ކަނޑިތީމް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ގެންދިޔައީ ތިމަރަފުށީގެ އަލީ ފަހުމީ (އައްޔަ) އެވެ. އަދި ޓޮޕް ސްކޯރާގެ މަގާމު ހާސިލްކުރީ ތިމަރަފުށީގެ ޖޯޒީ ނަމްބަރު 7 އަލީ ޝިފާއު ނުވަތަ ފުޓްސަލްގެ ނަމުންނަމަ ރޮނާ އެވެ.
ބެސްޓް 5 ގެ ތެރޭގައި ދ. ކުޑަހުވަދޫގެ ޖުމައިލް ޖަމީލް ހިމެނުނުއިރު ދެން ހިމެނުނީ އިބްރާހިމް އަސްވަދު (ގަބޭ)އާއި ގާފަރުގެ ކުޅަދާނަ ގޯލްކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) އަދި ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހް (ސިނާ)ގެ އިތުރުން ގާފަރުގެ ފަހުރު އަލީ މާއިސް (މައްޓު) އެވެ.
މުޅި ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނުގެ މަގާމު ހޯދީ މުޅި މުބާރާތުގައި ވެސް އެންމެ ތަފާތު ހުނަރުވެރި މޮޅު ކުޅުމެއް ދެއްކި ތިމަރަފުށީގެ ފުޓްސަލް ތަރި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ފުޓްސަލް ކިންގަކީ ފުޓްސަލްގައި ކުޅުންތެރިޔަކަށް ލިބޭނެ އެންމެ ބޮޑު ފަހުރެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ތ. ތިމަރަފުށިން ދިފާއުކުރިއިރު ރަނަރަޕަކީ ކ. ގާފަރެވެ. މިމުބާރާތުގައި މިދެޓީމު ފައިނަލުގައި ކުޅުނުއިރު ޖުމްލަ 91 ޓީމަކުން މުބާރާތުގައި ބައިވެރިވެ ވާދަކޮށްފައިވެ އެވެ.