twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަަދަނީ އިޖުރައާތު ގާނޫނަށް އަމަލުކުރަން ފަށައިފި

Jun 16, 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި މަދަނީ އިޖުރައާތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

މިބިލަކީ މިދިޔަ އަހަރުގެ ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ފާސްކުރި ބިލެކެވެ. ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި މަދަނީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މަދަނީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

އެ ގާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ ހުރިހާ ކޯޓުތަކުގެ މައްޗަށް ހިނގާނެއެވެ. ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ހަ މަސް ފަހުންނެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރާނެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާ އެކު އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ވަނީ ކޮށްފައެވެ.

ގާނޫނުން އަލަށް ތައާރުފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ކޮށްފައިވަނީ ޖުޑިޝަރީގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ގަނޫނީ ވަކީލުންގެ ބައިވެރިވުމާ އެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355