މިއަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ އެ ކުންފުނިން ހާމަކޮށްފިއެވެ. ބީއެމްއެލްއިން ބުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް މިއަހަރުގެ 2ވަނަ ކުއާޓާގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށެވެ
ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު %19 އިތުރު އަދަދެކެވެ. ބީއެމްއެލްއިން ބުނީ ދެވަނަ ކުއާޓާގައި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިކަމަށެވެ.
މި ކުއާޓާގައި ބޭންކުން ވަނީ ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭގެ ހިދުމަތް ތައާރަފްކޮށްފައެވެ. މި ހިދުމަތާއެކު ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ހިދުމަތް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލިބޭނެއެވެ. ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ބޭންކުން މާސްޓާކާޑު އަދި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރަންވަނީ ނިންމާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.