twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމާއި ނޮޅިވަރަންފަރަށް

މުޙައްމަދު އަހުމަދު
Oct 23, 2022

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހދ އަތޮޅު ވޮލީ މުބާރާތް 2022ގެ ފިރިހެން ޗެމްޕިއަންކަން ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކުލަބުން އަދި އަންހެން ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން އިން ހޯދައިފި އެވެ.

އިއްޔެ ރޭ ކުޅެވުނު ފިރިހެން ޑިވިޝަންގެ ފައިނަލު މެޗު ސީދާ ތިން ސެޓުން ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކުލަބެވެ. ފޯރިގަދަ މިމެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމުން ގެންދިޔައީ 27 - 25 ންނެވެ.

ދެވަނަ ސެޓުވެސް އެހާމެ ވާދަވެރިކޮށް ދިޔައިރު މިސެޓު ނޮޅިވަރަމުން ކާމިޔާބުކުރީ 25 - 22 ންނެވެ. އަދި ތިންވަނަ ސެޓު ނިމުނީ 25 - 18 ން ނޮޅިވަރަމް މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަމްގެ ހުސެއިން އަލީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަމުގެ ކޯޗު އަލީ ރަޝީދު އެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ އަލީ އާމިރުއާއި އެޓީމުގެ އަލީ ހުޒާމް (ހުޒާންޓެ) އަދި ނޮޅިވަރަމްގެ އަޝްފާގު އާދަމްގެ އިތުރުން ނޮޅިވަރަމްގެ އަމްދާން އަލީ (އެންޑީ)އާއި ނޮޅިވަރަންފަރުގެ އަހްމަދު ސައިފުﷲ އަދި ޓީމް ހަނިމާދޫގެ ސޯދިގް މޫސާ އެވެ.

ފިރިހެން ޑިވިޝަންގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ޓީމް ހިރިމަރަދޫ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ސީއާރުސީން ހޯދިއިރު ރަނަރަޕްކަން ހޯދީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ.

އިއްޔެ ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެވުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ޓީމް ހަނިމާދޫއާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރީ ލައިކަން އިންނެވެ. ލައިކަން އަކީ ނޮޅިވަރަންފަރަށް ނިސްބަތްވާ ވޮލީ ޓީމެކެވެ.

މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރިކަމާއެކު 25 - 20 ން ލައިކަން ގެންދިޔައިރު ދެވަނަ އަދި ތިންވަނަ ސެޓު ލައިކަން އިން ކާމިޔާބުކުރީ ފަސޭހަކަމާއެކީ އެވެ. ދެވަނަ ސެޓު 25 - 09 ން ގެންދިޔައިރު ތިންވަނަ ސެޓު ގެންދިޔައީ 25 - 04 ގެ ބޮޑު ލީޑަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރު 2 މަރިޔަމް އަޒީފާ އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަންފަރު ލައިކަންގެ ކޯޗު އަބްދުއްރަޝީދު އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ލައިކަންގެ މަރިޔަމް އަޒީފާއާއި އެޓީމުގެ ޝަހުމީލާ އަބްދުލް ހަކީމް އަދި ފާތިމަތު ޝިޔާނާގެ އިތުރުން ޓީމް ހަނިމާދޫގެ އައިޝަތު ރީޝާއާއި އެޓީމުގެ އާމިނަތު ވިރާޝާ އަދި ޓީމް ފިނޭގެ އައިޝަތު ޝަބާނާ އެވެ.

އަންހެން ޑިވިޝަންގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ނޭކުރަންދޫ އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަންއިން ހޯދިއިރު ރަނަރަޕްކަން ހޯދީ ޓީމް ހަނިމާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355