ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިިވިޝަން (18/30 ފުޓްސަލް ފިއެސްޓާ)ގެ ޗެމްޕިއަންކަން އެންމެ ފަހު ތިން ފަހަރުގެ އެމްޕީއެލް ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި އެވެ.
2013 އާއި 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ސިފައިންގެ ޓީމުން މުބާރާތުގެ ތަށި މިފަހަރު ހިއްލާލީ 8 އަހަރަށް ފަހު އެވެ. އެޓީމުން މިފަހަރުގެ ފައިނަލުގައި އެމްޕީއެލް ބަލިކުރީ 8 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ތަފާތު ރޫހެއްގައި ކުޅުނު ސިފައިންގެ ޓީމުން މެޗު ކާމިޔާބުކުރީ 10 - 2 ންނެވެ.
ރޭގެ ފައިނަލުގައި ސިފައިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސަބީނާ ހަތުން (4 ގޯލު) އައިމިނަތު ޒާހިޔާ (1 ގޯލު)، ފާތިމަތު ތީބާ (3 ގޯލު)، މަރިޔަމް ރިފާ (1 ގޯލު) މަތުސުޝިމާ ސުމައްޔާ (1 ގޯލު) އެވެ. އެމްޕީއެލްގެ ދެ ގޯލު ވެސް ޖަހައިދިނީ އެޓީމުގެ ކީޕަރު ސަސިފްރަފާ ސުކްސެން އެވެ.
ލީގު ބުރުގައި ވެސް އެމްޕީއެލްއާއި ސިފައިން ބައްދަލުކުރި އެވެ. އެމެޗު ފަހަތުން އަރާ 5 - 1 ން ކާމިޔާބުކުރީ އެމްޕީއެލުންނެވެ. އެހެންނަމަވެސް ފައިނަލު މެޗުގައި ތަފާތު ރޫހެއްގައި ނުކުތް ސިފައިންގެ ޓީމުން ވަނީ މެޗު ޑޮމިނޭޓްކޮށް ތަށި ވެސް ހިއްލާލާފަ އެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސިފައިންގެ ޓީމުގެ ސަބީނާ ހަތުން ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ. ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅޭ ސަބީނާ ވަނީ މުބާރާތުގައި ޖުމްލަ 21 ގޯލު ޖަހައިފަ އެވެ.
ސިފައިންގެ ކޯޗު އަހުމަދު ތޯހާއަށް އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނުއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވެމްކޯ އެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިއަކަށް ސިފައިންގެ ޓީމުގެ ފާތިމަތު ތީބާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސިފައިންގެ ޓީމުގެ ސަބީނާ، ސުމައްޔާ އަދި ސާއިގާގެ އިތުރުން އެމްޕީއެލް ޓީމުގެ ފާތިމަތު ސާލިޔާ އާއި ނަތަމޯން އަތުކުލާ އެވެ.