ކްލަބް މޯލްޑިވްސް ކަޕްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ބަލިކޮށް ފެނަކަ ރެކްރިއޭޝަން ކުލަބުން ފުރަތަމަ ފަހަރަށް ތަށި އުފުލާލައިފިއެވެ. މިއީ މި މުބާރާތުގެ ފައިނަލުގައި ފެނަކަ ކުޅުނު ފުރަތަމަ ފަހަރެވެ. އެމްޕީއެލުން ވަނީ މި މުބާރާތުގެ ތަށި މީގެ ކުރިން ތިން ފަހަރަށް ކާމިޔާބު ކޮށްފައެވެ.
ރޭ ހުޅުމާލޭ ރެހެނދީ ދަނޑުގައި ކުޅުނު ފައިނަލް މެޗު ފެނަކަ އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިން ފަހަތުން އަރާ އެމްޕީއެލް ބަލިކޮށްގެންނެވެ. ރޭގެ ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މެޗުގެ ފުރަތަމަ ފަށާ ފަހެއްގައި ފެނަކައިން އަޔާޒް އަހުމަދު (އަޔާ) ހިމެނި ނަމަވެސް ފަހު ވަގުތު ވަނީ ބަދަލުކޮށް، ހުސެއިން ނާޝިދު ކުޅެން އަރުވައިފަ އެވެ. އެއީ އަޔާ އަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވާތީ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ފަށައިގެން ދެ ޓީމުގެ ކުޅުން ހަމަހަމަކޮށްދިޔައިރު، ފުރަތަމަ ލީޑުނެގީ އެމްޕީއެލް އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، ސާޖިދު ރަޝީދު ދިން ބޯޅައަކުން ޝަންމު ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އަޔާޒް އަހުމަދެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ކިންގް"ގެ މަގާމު ވެސް ހޯދީ އަޔާޒް އަހުމަދެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަޔާގެ އިތުރުން ދެން ހިމެނެނީ އޮންލީ އާއި އެމްޕީއެލްގެ ކީޕަރު ފާތިހު އާއި މުހައްމަދު ސާދު ނިޒާރު އަދި ކްލަބް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ފެއާ ޕްލޭ ޓީމަކީ ވެމްކޯ އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް އެޗްޑީސީގެ ނާއިޒު ހަސަން (ދާދު) ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އަށެވެ.
މި އަހަރުގެ އެންމެ ރަނގަޅު ސަޕޯޓިން ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް(އާރްއާރްސީ)އެވެ.