ޖަމިއްޔަތުލް ސަލަފްއާ ގުޅިގެން ހިރަފުސް ޖަމިއްޔާއިން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ނަމާދު ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބި، ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް، ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ކޭއޯއަށް މައުލޫމާތު ދެއްވަމުން ހިރަފުސްގެ ހިނގާ ކޮމެޓީގެ މެމްބަރު ފަރުހަތު މުހައްމަދު ވިދާޅުވި އެވެ.
8 އަހަރާއި 12 އަހަރާއި ދެމެދުގެ ދެޖިންސުގެ ޖުމަލް 231 ކުދިން ބައިވެރިވެފައިވާ މި ޕްރޮގުރާމްގެ ނިންމުމުގެ ރަސްމިއްޔާތު ރޭގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީންގެ އިތުރުން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ.
އެއްވެސް ފީއަކާއި ނުލައި ހިލޭ ހިންގުނު މި ވޯކުޝޮޕުގައި ކިޔަވާދެއްވީ ސަލަފް ޖަމިއްޔާގެ އިލްމުވެރިންނެވެ.
ފަރުހަތު ވިދާޅުވީ މި ޕްރޮގުރާމަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށާއި އެކި ގޮތްގޮތުން މި ޕްރޮގުރާމަށް އެހީތެރިވި ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ. އަދިވެސް ކައިރި މުސްތަގުބަލެއްގައި މިފަދަ އިތުރު ވޯކްޝޮޕެއް ކުރިއަށްގެންދަން ރާވާފައިވާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.
މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާއި ސުންނަތް ނަމާދުތަކާއި ކަށުނަމާދު ކުރާނެ ގޮތްވެސް ދަސްކޮށްދިނުމުގެ އިތުރުން ވަނީ ދީނީ މައުލޫމާތު ވެސް އެ ކުދިންނަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ވޯކްޝޮޕްގައި ބައިވެރިވި ކުދިންގެ ބެލެނިވެރިންނަށް ވަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތާއި، ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުވާންޖެހޭ ކަންކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.