twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ކޯހެއް މާލޭގައި ފަށަނީ

ނަބީލާ އިސްމާޢީލް
Nov 24, 2022

އެމެރިކަން ސެންޓަރ މާލެ އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ކޯޑުކުރަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް އިއުލާނުކޮށްފިއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ނުނަގާނެއެވެ.

"ޝީ ކޯޑްސް އެމްވީ"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ މާލެ, ހުޅުމާލެ އަދި ވިލިމާލޭގެ ދިރިއުޅޭ އުމުރުން 16 އަހަރާއި 26 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާނެ ހުނަރު ފޯރިކޮށްދިނުމަށާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގިނަގުނަ ވަޒީފާގެ ފުރުސަތުތަށް ހޯދައިދިނުމަށާއި ގޭގައި ތިބެގެންވެސް އަންހެން ކުދިންނަށް މި ދާއިރާގައި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

"ޝީ ކޯޑްސް އެމްވީ" ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 ބައިވެރިން ހިމެނޭ ގޮތަށެވެ.

ފުރަތަމަ ބެޗް އަންނަ ޑިސެމްބަރ 10ގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބެޗް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 14ގައެވެ.

އަދި ކުލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ފިޒިކަލް އަދި އޮންލައިން ކުލާސްތަކެއްގެ ގޮތުގައެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ޕައިތަން ޕްރޮގްރާމިންގ ލެންގުއޭޖް ބޭނުންކޮށްގެން ވެބްސައިޓެއް ހަދާނެގޮތް ދަސްކޮށްދެވޭނެ އެވެ.

މިއާއެކު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރުމާއި ދާއިރާގައި މަސައްތަތްކުރާ ފަރާތްތަކާއި ބައްދަލުކޮށް ދާއިރާގައި ކުރިޔަށް ދާނެ ގޮތާއި ކުރިޔަށް ދިޔުމުގައި ހުރި ފުރުސަތުތައް އެނގިގެންދާނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަށް womenintechmv.org އިން 26 ނޮވެމްބަރުގެ ކުރިން ރެޖިސްޓަރ ކުރުމަށް ވަނީ މިހާރު ހުޅުވާލާފައެވެ. ރެޖިސްޓްރޭޝަން ލިންކް އެމެރިކަން ސެންޓަރ މާލެ އާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް ހިއްސާކޮށްފައިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355