މިމަހު 25 ގައި ހުޅުމާލޭގައި ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރާމް)އިން ކުރިއަށް ގެންދިޔަ ރާސް ޗެމްޕިއަންޝިޕުގެ ގްރޭންޑް ފައިނަލު ކުޅުދުއްފުށީގެ ރައިޑަރުން ފަތަހަކޮށްފި އެވެ.
ކުޅުދުއްފުށި، ގްރޭޓާ މާލެ އަދި އައްޑޫ، މިތިން ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގައި އެޑިޝަނެއް ބާއްވާ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދި ރައިޑަރުން ވަނީ މިއަދު އެކެޓަގަރީއެއްގެ ރާސް ކިންގްގެ މަގާމު ހޯދުމަށް ވާދަކޮށްފަ އެވެ.
ޖުމްލަ 115 ރައިޑަރުން ވަނީ 3 އެޑިޝަނުގައި ވާދަކޮށްފަ އެވެ. ހުކުރުދުވަހު ހުޅުމާލޭގައި ކުރިއަށްދިޔަ ރޭހުގައި ވާދަކުރީ ޗެމްޕިއަނުންނެވެ. އަދި މިފަހަރުގެ ރާސް ޗެމްޕިއަންޝިޕް ފަތަހަކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ރައިޑަރުންނެވެ. ޕްރޯ ޑްރެގް، ސުޕަރ ބައިކް، އަދި ޓްރޫ ސްޓްރީޓް އިވެންޓްތަކާއި ކާރު އިވެންޓްތައް ކުރިއަށް ދިޔަ ގްރޭންޑް ފައިނަލް ޑޮމިނޭޓްކޮށްފައިވަނީ ކުޅުދުއްފުށީގެ ރައިޑަރުންނެވެ.
މިކެޓަގަރީތަކުން އެއްވަނަ ހޯދި ރައިޑަރުން ވެގެންގޮސްފައިވަނީ އެކެޓަގަރީއަކުން ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ އެންމެ މޮޅު ރައިޑަރުންނަށެވެ.
ޓްރޫ ސްޓްރީޓް:
125 ސީސީ ޓްރޫ ސްޓްރީޓްގެ ރާސް ކިންގްގެ ލަގަބު ހޯދާފައިވަނީ ވަން ބްލަޑް ރޭސިންގ ޓީމުގެ މާހިދު މުހައްމަދެވެ. އަދި އޮރި މޮޓޯސް ރޭސިންގ ޓީމުގެ މުހައްމަދު އާދަމް ނުވަތަ މަޝްހޫރު ނަމުންނަމަ ސެޓޭ ވަނީ 135 ސީސީ ޓްރޫ ސްޓްރީޓްގެ ރާސް ކިންގްގެ މަގާމު ހާސިލްކޮށްފަ އެވެ.
އިންޑިވިޖުއަލްކޮށް ވާދަކުރި މުހައްމަދު ޖަޒްލާން އަބްދުﷲ ވަނީ 150 ޓްރޫ ސްޓްރީޓްގެ ރާސް ކިންގްކަން ހާސިލްކޮށްފަ އެވެ.
ޕްރޯ ޑްރެގް:
ޕްރޯ ޑްރެގް ކެޓަގަރީތަކަށް ބަލާލާއިރު 135 ސީސީގެ ކިންގްކަން ބަތާނާ ރޭސިންގ ޓީމުގެ ޔާމިން އަބްދުއްރަހްމާން (ޔާއްޓު)އަށް ލިބުނުއިރު 150 ސީސީގެ ޗެމްޕިއަންކަން ހޯދީ ބަތާނާ އަހްމަދު އާލިން އެވެ.
އާލިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހަމަ ކުޅުދުއްފުށީގެ ރައިޑަރެއް ކަމަށްވާ ވަން ބްލަޑް ރޭސިންގ ޓީމުގެ އަލީ ސަމީރު (ބްލަޑީ)އާ ވާދަކޮށްގެންނެވެ.
125 ޕްރޯ ޑްރެގުން ކުޅުދުއްފުއްޓަށް އެއްވަނަ ނުލިބުނު ކަމުގައިވިއަސް 125 ސީސީގެ ފައިނަލުގައި ކުޅުދުއްފުށީގެ ރައިޑަރު ހުމާމް ވަނީ ވާދަކޮށްފަ އެވެ. އަދި 120 ސީސީގެ އެއްވަނަ ނުލިބުނު ކަމުގައި ވިއަސް އެކެޓަގަރީގެ ފައިނަލުގައި ކުޅުދުއްފުށީގެ ރައިޑަރު އަލީ ސިމާން ވަނީ ވާދަކޮށްފަ އެވެ.
އަދި ފަހުރުވެރި އަންޑަރބޯން އޯޕަން އިވެންޓްގެ ރާސް ކިންގަކަށް ހޮވިފައިވަނީ ޔާއްޓު އެވެ. ޔާއްޓު ވަނީ ކުޅުދުއްފުށީ އެޑިޝަންގެ ރޯޑް ކިންގްގެ މަގާމު ހާސިލްކޮށްފަ އެވެ.
ވިނާރ އެކްސް:
ހޮންޑާ ވިނާރ އެކްސް 150 އިވެންޓް ކާމިޔާބުކޮށް އެއިވެންޓްގެ ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ އެކްޓްރީމް އަންލީޝްޑް ރޭސިންގ ޓީމުގެ ޔޫސުފް ޒިމާމް މުހައްމަދެވެ. މިއިވެންޓްގެ ކިންގްކަން ޒިމާމް ހޯދީ ކުޅުދުއްފުށީގެ ކުޅަދާނަ ރައިޑަރު ޖަޒްލާންއާ ވާދަކޮށެވެ.
ސުޕަރ ބައިކް:
ބިލޯ 1000 ސީސީގެ ރާސް ކިންގްކަން ހޯދި ވަން ބްލަޑް ޓީމުގެ މާހިދު މުހައްމަދު (މާހީ) ވަނީ ސުޕަރ ބައިކް އޯޕަން އިވެންޓްގެ ފަހުރުވެރި އެއްވަނަ ހާސިލްކޮށް ސުޕަރ ބައިކް ރާސް ކިންގްގެ މަގާމު ހާސިލްކޮށްފަ އެވެ.
އަންހެން އިވެންޓް:
އަންހެން ބައިން ކުރިއަށް ގެންގޮސްފައިވަނީ އެންމެ އިވެންޓެކެވެ. އެއީ ޕްރޯ ޑްރެގް އޯޕަން އިވެންޓެވެ. މިރޭހުގައި ވާދަކުރި ކުޅުދުއްފުށީގ ދެ ރައިޑަރުންކަމަށްވާ ޖުވައިރިޔާ މުހައްމަދު (ޖޫލީ)އާއި ނިޔާޝާ އަބްދުލް ރަޝީދު (ނިޔާ) އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު މޮޓޯ ސްޕޯޓްސް ރޭހުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޖޫލީ އެވެ.
ރާއްޖޭގައި އަލަށް ތިން އެޑިޝަނެއް ރޭސިންގ އެސޯސިއޭޝަނުން ބާއްވާ ރާސް ޗެމްޕިއަންޝިޕުގެ ގްރޭންޑް ފައިނަލުގެ ނަމުގައި ބޭއްވި އެންމެ ބޮޑު ރޭހުގެ ގިނަ އިވެންޓްތަކުގައި ވާދަކޮށް ރާސް ކިންގްގެ މަގާމު އެންމެ ގިނައިން ހާސިލްކޮށް މުޅި މުބާރާތް ފަތަހަކުރީ ކުޅުދުއްފުށީގެ ރައިޑަރުންނެވެ.
މިއީ މޮޓޯ ސްޕޯޓްސް ކުޅިވަރުގައި ގައުމީ ފެންވަރުގައި ވާދަކޮށް ކުޅުދުއްފުށީގެ ރައިޑަރުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި މިއީ މިހާތަނަށް މިހާ ބޮޑުކޮށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު ސައިކަލު އަދި ކާރު ރޭސްކަން ވެސް ފާހަގަކޮށްލެވެ އެވެ.