ފީފާ ވޯލްޑްކަޕުގެ ގްރޫޕް އެޗްގައި އެންމެފަހުން ޕޯޗުގަލްއާއި އުރުގުއޭ ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޖެހި ކަމަށް ބުނެވޭ ގޯލުގެ ހަގީގަތް ފީފާއިން ޓެކްނޮލޮޖީގެ އަލީގައި ހޯދައިފި އެވެ.
އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހުމަށްފަހު ރޮނާލްޑޯ ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ނަމަވެސް އެ ގޯލު ފެނުނީ ބުރޫނޯ ފަނާންޑޭޒް ޖެހި ގޯލެއް ކަމަށެވެ. އެހެންކަމުން ފީފާއިން ވަނީ އެންމެ ފަހުން ބޯޅައިގައި ޓަޗްކުރި ކުޅުންތެރިއެއް ހޯދުމަށް ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ.
ދަ މިރާއިން ރިޕޯޓުކުރި ގޮތުގައި ފީފާއިން ވަނީ އެގޯލަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލެއް ނޫންކަން ޔަގީންކޮށްދީފަ އެވެ. ފީފާއިން މިހެން ބުނެފައިވަނީ ޕޯޗުގަލުން ތަކުރާރުކޮށް ހެކި ދެއްކިވެސް ފަހުންނެވެ. ހޯމަ ދުވަހު ކުޅެވުނު މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލުން ޖެހި ލަނޑަކީ ބުރޫނޯގެ ލަނޑެއް ކަމަށް ފީފާއިން ވަނީ ނިންމާފަ އެވެ.
ބުރޫނޯ ޖެހި ގޯލަށް ރޮނާލްޑޯ ފުންމައިގެން އަރާ ބޮލުން ޖެހުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ކޮމެންޓޭޓަރު ވެސް ލަނޑު ޖެހި ކަމަށް ގޮވީ ބުރޫނޯގެ ނަމެވެ. އޭރު ރޮނާލްޑޯ އެލަނޑު ޖެހުމަށް ފަހު އޭނާ ވަނީ ވަރަށް ބޮޑަށް ސެލެބްރޭޓްކޮށްފަ އެވެ.
ރޮނާލްޑޯ ސެލެބްރޭޓް ކުރި ނަމަވެސް ބުރޫނޯ ފެނާންޑޭޒް ވެސް ބުނެފައިވަނީ އޭނާއަށް ވެސް ރޮނާލްޑޯ ބޯޅައިގައި ޓަޗްކުރި ކަން ޔަގީން ނުވާ ކަމަށެވެ. އަދި ލަނޑު ޖެހީ ރޮނާލްޑޯ ކަމުގައިވީ ނަމަވެސް އޭނާއަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"އަހަރެން ވެސް އުފާފާޅުކުރީ ރޮނާލްޑޯ ޖެހި ގޯލެއްގެ ގޮތުގަ. އަހަރެންނަށް ހީވީ ރޮނާލްޑޯ ބޯޅައިގައި ޖެހި ހެން. އަހަރެން ހުރަސް ނެގީ ވެސް ރޮނާލްޑޯއަށް ބޯޅަ ދިނުމުގެ އަމާޒުގަ.: ބުރޫނޯ ބުނެފައިވެ އެވެ.
ބުރޫނޯ ފަނާންޑޭޒް އިތުރަށް ބުނީ ކޮންމެ މީހަކު ޖެހި ގޯލެއް ކަމުގައިވިޔަސް މިވަގުތު މިތިބީ މޮޅުވުމުން އުފަލުން ކަމަށާއި މިވަގުތު އެންމެ މުހިންމު ކަމަކަށްވީ ދެވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ. އަދި އެކަން މިއޮތީ ވެފައިކަމަށް އޭނާ ބުންޏެވެ.
ފަނާންޑޭޒް ފީފާއިން އެމީހުންގެ އެންމެފަހުގެ ނިންމުން ނިންމުމުން މިހާރު އުފާފާޅުކޮށްދާނެ އެވެ. އަދި ފީފާއިން މި ނިންމުން ނިންމީ ބޯޅަ އުފައްދާ ކުންފުނި އެޑިޑާސްގެ ޓެކްނޮލޮޖީގެ ޒަރީއާއިންނެވެ. އަދި ރޮނާލްޑޯ ބޯޅައިގައި ނުޖަހާ ކަމަށާއި އެއީ ފަނާންޑޭޒްގެ ލަނޑެއްކަމަށް ފީފާއިން ވަނީ ނިންމާފަ އެވެ.