ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދެ ހެޓްރިކާއެކު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ކޮޅަށް 8 ލަނޑު ޖަހައިފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ސްކައިއިން ކާމިޔާބުކުރީ 8 - 0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗު ފެށިގެން ސްކައިއިން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް ސްކައިއިންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި ސްކައިއިން ލީޑު ނެގީ އިއްބެގެ ލަނޑުންނެވެ. އޭގެ 14 މިނެޓުފަހުން މާއްދު އަދުނާން ވަނީ ސްކައިއަށް ލީޑު ފުޅާކޮށްދީފަ އެވެ. މާއްދުގެ ލަނޑަށް ފަހު ވެސް ފުރަތަމަ ހާފުގެ ތެރޭގައި އިއްބެގެ އިތުރު 3 ލަނޑެއް ފެނިގެންދިޔަ އެވެ. ފުރަތަމަ ހާފުގައި ސްކައިއިން 6 ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 12 އަހްމަދެވެ.
ދެވަނަ ހާފަށް ނުކުތްއިރު ސްކައިއިން 6 ލަނޑުގެ ލީޑަކުން ކުރީގައި އޮތްއިރު ދެވަނަ ހާފު ވެސް އެޓީމުން ފެށީ ވަރަށް ވަރުގަދަކޮންނެވެ. 52 ވަނަ މިނެޓުގައި އިއްބެ ސްކައިއަށް ލީޑު އިތުރަށް ފުޅާކޮށްދިންއިރު މެޗުގެ އެންމެ ފަހު މިނެޓްގައި އިއްބެ ވަނީ އިތުރު ލަނޑެއް ޖަހައިދީ މެޗުގައި އޭނާގެ ދެވަނަ ހެޓްރިކް ވެސް ފުރިހަމަކޮށް ޑަބަލް ހެޓްރިކް ހަދާފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކުރީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އިއްޔެ މިމުބާރާތުގައި ކުޅެވުނު ފުރަތަމަ މެޗުގައި ވެސް ތަފާތު ބޮޑު ނަތީޖާއެއް ފެނިގެންދިޔަ އެވެ. އެމެޗުގައި ކުލަބް ކޮރަލްސްއިން ވަނީ 7 - 0 ން މާއްޓޭ ސްޕޯޓްސް ބަލިކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ނުކުންނާނީ މާއްޓޭ ސްޕޯޓްސްއާ ދެކޮޅަށެވެ. މުބާރާތުގައި ފަސޭހަކަމާއެކު ކުރިއަށް ދިޔުމަށް މިމެޗުން މާއްޓޭ ސްޕޯޓްސްއަށް މޮޅެއް މުހިންމުވާނެ އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 15:50 ގައި ޒޯން ސްޓޭޑިއަމް 1 ގަ އެވެ. އެމެޗު ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލް ފޭސްބުކް ޕޭޖުން ލައިވްކޮށް ގެނެސްދޭނެ އެވެ.