ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ޗެމްޕިއަންޝިޕްގެ ފައިނަލްގައި ށ ކަނޑިތީމު ވާދަކުރާއިރު މިއީ ކަނޑިތީމުގެ ކުޅިވަރު ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ކަނޑިތީމު ޓީމަކީ ކުރިންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ގެ ށ. އަތޮޅު ޗެމްޕިއަންކަން 2016، 2018، 2022 އަދި 2024 ވަނަ އަހަރު ހޯދާފައިވެއެވެ. މީގެއިތުރުން 2023 އަދި 2025 ވަނަ އަހަރު ރަނަރަޕް ވެފައިވެއެވެ. އަދި ޒޯން ރަނަރަޕް 2022 އަދި 2023 ވަނަ އަހަރު ހޯދާފައިވެއެވެ.
ކަނޑިތީމުގެ ޒުވާނުންނަކީ ކުޅިވަރުގައި ހިތްވަރު ހުރި ކުޅަދާނަ ހުނަރުވެރި ބައެއްކަން ސާބިތު ކޮށްދިން ޓީމެކެވެ. އުތުރުން އެންމެ އާބާދީ ބޮޑު ރަށުގެ ހުނަރުވެރި މޮޅު ޓީމެއް ބަލިކޮށް ކަނޑިތީމު ފަޚުރުވެރި ކޮށްދިން ކާމިޔާބު ޓީމެކެވެ.
މިލަ އުތުރު މުބާރާތުގައިވެސް ކަނޑިތީމު ޓީމުން ވަނީ 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2022 ވަނަ އަހަރު ސެމީފައިނަލިސްޓެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. މީގެއިތުރުން 2022 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފެއަރ ޕްލޭ ޓީމްގެ މަޤާމުވެސް ވަނީ ހޯދާފައެވެ.
ކަނޑިތީމު ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން މިފަދަ ހަރަކާތްތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރެއެވެ. ރަށުގެ ކުދި ބޮޑު އެންމެން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އެއް ރޫހެއްގައި މަސައްކަތްކުރާ މަންޒަރު ފެންނަމުންދެއެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، "ކަނޑިތީމަކީ ޒަމާނުންސުރެ އެކުވެރި، ހުނަރުވެރި، ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލާ ބައެއް ދިރިއުޅޭ ރަށެކެވެ. އެންމެ އުފާވަނީ މިފަދަ ހަރަކާތްތަކުގައި ރަށުގެ ކުދި ބޮޑު އެންމެން ޝާމިލްވެ އެއް ރޫހެއް ދައްކުވާތަން ފެންނާތީއެވެ." އަދި ރައީސް އެދިވަޑައިގަންނަވަނީ މި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ކަނޑިތީމުގައި އަބަދުވެސް ދެމިއޮތުމެވެ.
މިއަދު ކުޅޭ ފައިނަލް މެޗުގައި ކަނޑިތީމު ޓީމުން ހުނަރުވެރި ކުޅުމެއް ދައްކާނެކަމަށް އުއްމީދު ކުރެވެއެވެ.