twitterviber whatsapp telegramfacebookyoutube instagram
24th October 2025

ށ އަތޮޅު ކައުންސިލަކީ ރައްޔިތުން ބަލައިގަނެފަ އޮތް ކައުންސިލެއް: ޝިޔާމް

އަބްދުލް ވާހިދު ޙަސަން
Oct 24, 2025

ށ އަތޮޅު ކައުންސިލަކީ އަތޮޅުގެ ރައްޔިތުން ބަލައިގަނެފަ އޮތް ކައުންސިލެއް ކަމަށާއި މިހާތަނަށް އައިރު އެ ބޭފުޅުން އުންމީދުކުރި ހުރިހާކަމެއް ހާސިލްކުރެވިއްޖެކަމުގައި އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔަންޓޭ) ވިދާޅުވެއްޖެ އެވެ.

ށ އަތޮޅު ކައުންސިލްގެ މިލައުތުރު ފުޓްސަލް މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އައުމަށް ކެމްޕޭންކުރެއްވިއިރު، ޒުވާނުން ތިބީ ކުޅިވަރުގެ ރޫޙް ގެއްލި، ކުޅިވަރު ކުޅޭނެ ގޮތްތަކެއް ނެތިފައި ކަމަށެވެ.

އެހެންވުމުން އަތޮޅުގެ 14 ރަށުންގެ ޒުވާނުންވެސް އޭރު އޭނާއާ ކުރިމަތިކުރެއްވި ސުވާލަކީ އެއްރަށްރަށާއި އަނެއް ވާދަކޮށްލައި ކުޅެލެވޭނެ ވަރުގެ ކުޅިވަރު މުބާރާތެއް ހޯދައިދީ ޒުވާން ކުޅުންތެރިން އުފައްދައި ހޯދައިދޭނީ ކާކު؟ ކިހެނެތްތޯ؟ ކަމަށެވެ.

މިއަދު އެކަން ހާސިލްކުރެއްވިއްޖެ ކަމަށާއި ށ އަތޮޅު ކައުންސިލުން މިހާތަނަށް އައިރުގައި މެންބަރުން އުންމީދުކުރި ހުރިހާކަމެއް ﷲ އިރާދަކުރެއްވިއްޔާ ހާސިލްކުރެއްވިއްޖެކަމުގައި ޝިޔާމް ވަރަށް ޔަގީންކަމާއެކު ވިދާޅުވި އެވެ.

"ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެންނަށް އެތަށް ބަޔަކު ބިނާކުރެއްވިއްޖެ. ރެފްރީން ބިނާކުރެއްވިއްޖެ. ކޯޗުން ބިނާކުރެއްވިއްޖެ. ޒުވާން ޖީލްތަކެއް ބިނާކުރެއްވިއްޖެ. އޭގެ އެއް މޭސްތިރިންނަކީ ކައުންސިލްގެ ހިންގުންތެރިން މެންބަރުންނާއި މުވައްޒަފުން." ޝިޔާމް ވިދާޅުވި އެވެ.

ޓީމުތައް އެރަށާއި އަނެއް ރަށް ވާދަކުރިއިރު މިފަހަރު ހުރިހާ ރައްޔިތުންނަށްވެސް އެނގިގެންދިޔަ ށ އަތޮޅު ފުޓްބޯޅައިގައި އެތަށް ގުނައަކަށް މައްޗަށް ޖެހިއްޖެކަން ކަމަށާއި ށ އަތޮޅުގެ މަގުސަދު 100 ޕަސެންޓް ހާސިލްކުރެއްވިއްޖެ ކަމުގައި އޭނާ ވިދާޅުވި އެވެ.

އަތޮޅު ރައީސް ޝިޔާމް ވިދާޅުވީ، ވަޅު ޖަހާފައި އޮތް ކުޅިވަރާއި ފުޓްބޯޅަ ނަގާ ހިއްލާލެވިއްޖެ ކަމަށާއި ތިޔަ ޒުވާނުންނަށްޓަކާ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން އަހަރުން އަހަރަށް ބަޖެޓް ފާސްކޮށްގެން ރައްޔިތުންނާއި ޒުވާނުން އެދުނު ގޮތަށް ބަޖެޓް ފާސްކޮށްގެން ކުޅިވަރު މުބާރާތްތައް ބާއްވާފައިވާ ކަމަށެވެ.

މިއީ ށ އަތޮޅުގެ މިދައުރުގެ ފަހު ފުޓްސަލް މުބާރާތްކަން ފާހަގަކުރައްވައި ޝިޔާމް އެދިލެއްވީ އެބޭފުޅުން ވަކިވެގެންދިޔަސް ދެންވެސް ކައުންސިލަށް އަންނަ ފަރާތްތަކުން ނުވަތަ ރަށު ކައުންސިލްތަކުން ގުޅިގެން ކަމުގައިވިޔަސް ފުޓްސަލް މުބާރާތް ކުރިއަށްގެންދެވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355