twitterviber whatsapp telegramfacebookyoutube instagram
13th October 2025

ތާނަ އަކުރުގެ ތާރީހުގެ މޮނިއުމަންޓުން ކަނޑިތީމަށް ފަހުރެއް

އަބްދުލް ވާހިދު ޙަސަން
Oct 11, 2025

ށ ކަނޑިތީމުގެ ނަމާ ގުޅުވައި ތާނަ އަކުރުން ހިތްގައިމު މޮނިއުމެންޓެއް އެރަށުގައި ހަދައި ހުޅުވައިފި އެވެ.

ށ އަތޮޅު ކައުންސިލްގެ ގްރާންޓެއް ކާމިޔާބުކޮށް ކަނޑިތީމުގެ އަމިއްލަ ޖަމިއްޔާއެއްކަމުގައިވާ ބްލޫގިލް ފައުންޑޭޝަނާއި ބިނާގެ އިސްނެގުމުގެ ދަށުން ހެދި މި މޮނިއުމެންޓް ހުޅުވީ ހުކުރުދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމެވެ.

ކަނޑިތީމުގެ ބަނދަރު ސަރަހައްދުގައި ހުޅުވި މި ރީތި މޮނިއުމެންޓް ހެދުމުގައި ޖަމިއްޔާތަކާއި ރަށުގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ލިބިގެންދިޔަ އެވެ.

މި މޮނިއުމެންޓްގައި ހަދާފައިވަނީ ކަނޑިތީމުގެ ނަން ދޭހަވާ ކަނޑިއަކާއި ކަނޑީގެ ހުރައެއްގެ ބައްޓަމަށް، ތާނައަކުރުން ފިލި ނުޖަހައި ކަނޑިތީމުގެ ނަން ލިޔެގެންނެވެ.

މި ރަސްމިއްޔާތުގައިވާ ވާހަކަދައްކަވަމުން ކަނޑިތީމު ރައީސް އަހުމަދު އަހްސަން ވިދާޅުވީ، މިއީ ހަމައެކަނި މޮނިއުމެންޓެއް ނޫން ކަމަށާއި މިއީ ރަށުގެ ތާރީހާއި ބަހާއި ސަގާފަތް ދައްކުވައިދޭ ނިޝާނެއް ކަމަށެވެ. މިއީ ވަރަށް އުފާވެރި އަދި ރަށުގެ ކޮންމެ ރައްޔިތަކުވެސް ފަހުރުވެރިވާނެ ދުވަހެއްކަމުގައި އަހުސަން ފާހަގަކުރެއްވި އެވެ.

މި މޮނިއުމެންޓް ހަގީގަތަކަށް ހެދުމުގައި އެހިތެރިވި ހުރިހާ ފަރާތްތަކަށް އަހުސަން ޝުކުރުއަދާކުރެއްވި އެވެ.

މި މޮނިއުމެންޓުން ރަމުޒުކޮށްދެނީ ރަށުގެ ނަމާއި ކަނޑިތީމާކީ ތާނައިގެ ރަށް ދިވެހި ތާރީހާއި ސަގާފަތުގައި ހާއްސަ މަގާމެއް ލިބިފައިވާ ރަށެއްގެ ގޮތުގައި އެވެ. މިއީ ދިވެހި ބަސް ލިޔުމަށް މިހާރު ބޭނުންކުރެވެމުންދާ ތާނަ އަކުރު ފެނުން ކަމަށް ފުރަތަމަ ރެކޯޑް ކުރެވުނު ރަށެވެ. އަދި މިއީ ފަހުރެއްކަމުގައި އަހުސަން ފާހަގަކުރެއްވި އެވެ.

އަހްސަން ވިދާޅުވީ ކަނޑިތީމަކީ ދިވެހިންގެ ރޫހާއި ތާރީހް ގުޅިލާމެހިފައިވާ އަދި ތަރިކަ އާއި ފަހުރުވެރިކަމާއި އަމިއްލަވަންތަކަން އެކުލެވިގެންވާ ރަށެއްގެ ކަމާއި ކަނޑިތީމަކީ ހަމައެކަނި ރަށެއް ނޫން ކަމަށެވެ. އެއީ ބަހާއި ތަރިކަ އާއި އާދަކާދައިގެ ނިޝާނެއް ކަމަށެވެ.

"ކަނޑިތީމު ރައްޔިތުގެ ފަރާތުން ރަށުގެ ކުރިއެރުމަށް ތިޔަ ބަހައްޓަވާ ޝައުގުވެރިކަމަށް ޝުކުރިއްޔާ. އިލްތިމާސްއަކީ ހުރިހާ ރައްޔިތުން ގުޅިގެން މިފަދަ ހަރަކާތްތައް ވީހާވެސް ގިނައިން ކުރިއަށްގެންދިޔުން." އަހްސަން ވިދާޅުވި އެވެ.

ހިލޭ ސާބަހަށް ކުރެވުނު މި ބުރަ މަސައްކަތަކީ އިޖުތިމާއީ ކަންކަމުގައި ޓީމު ބިނާގެ ހުނަރުވެރި ހީވާގި ފަންނުވެރިން ދޭ އަހަމިއްޔަތު ދައްކުވައިދިން ކަމެއްކަމުގައި އަހްސަން ވިދާޅުވި އެވެ. އިޖުތީމާއި މި ބޮޑު މަސައްކަތުގައި ޓީމު ބިނާގެ ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރެއްވި އެވެ. އަދި އެހީތެރިވެ ދެއްވި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށްވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355