އެއް ވޯޓުގެ ހަނި ތަފާތަކުން ށ ކަނޑިތީމުގެ ރައީސް އަހުމަދު އަހުސަންއަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެރަށު ކައުންސިލްގެ ރައީސް އަހުމަދު އަހްސަންއަށް މި އިންތިހާބުގައި ލިބިވަޑައިގެންނެވީ 467 ވޯޓެވެ. އޭނާއާ ދެކޮޅަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިބުރާހިމް ނަޒްމީއަށް ލިބިވަޑައިގެންނެވީ 468 ވޯޓެވެ.
އެއްވޯޓްގެ ހަނި ތަފާތަކުން އަހްސަން ބަލިވިއިރު އޭނާގެ ކައުންސިލްގެ ދައުރުގައި އެރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.
ކަނޑިތީމުގެ އެހެން ގޮނޑިތަކަށް ބަލާއިރު އަންހެން ގޮނޑި އެމްޑީޕީގެ ފާތިމަތު ޝާހިދާ ނެގީވެސް އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. އޭނާއަށް ލިބުނީ 452 ވޯޓެވެ. ޕީއެންސީގެ ކެނޑިޑޭޓް ޝަބާނާ އަބުދުލްސަމަދަށް ލިބިފައިވަނީ 451 ވޯޓެވެ.
އާންމު މެންބަރުގެ ގޮނޑި 549 ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް ހަސަން ޝަހީމް ކާމިޔާބުކުރެއްވިއިރު ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ވާސިފަށް ލިބިފައިވަނީ 341 ވޯޓެވެ.




