twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަހު ވަގުތު މެސީ ކޮރަލްސް މޮޅުކޮށްދީފި

މުޙައްމަދު އަހުމަދު
Dec 9, 2022

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ކުލަބް ކޮރަލްސްއިން ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ބަލިކޮށްފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކޮރަލްސްއާއި ސްކައި ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 1 - 0 ގެ ހަނިތަފާތަކުން ކޮރަލްސް މޮޅުވެގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ.

މެޗުގައި ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވެފަ އެވެ. ނަމަވެސް ފޯރީގައި ކުޅެމުން ދިޔަ މެޗުގެ އޮއެވަރު ބަދަލުވީ 84 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) ފޮނުވާލި ހަމަލާ ގޯލަށް ވަނުމުންނެވެ.

މެސީ ކޮރަލްސްއަށް ލީޑު ނަގައިދިންއިރު އޭގެ އިރުކޮޅެއްފަހުން ޒައިދު ވެސް ކޮރަލްސްއަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުތަކުން ކޮރަލްސްއާ ސްކައި ބޮޑު ތަފާތަކުން މޮޅުވި އެވެ. ކޮރަލްސްއިން މާއްޓޭ ސްޕޯޓްސް ކޮޅަށް 7 ގޯލު ޖެހިއިރު ސްކައިއިން ވަނީ ކެޑް ކޮޅަށް 8 ލަނޑު ޖަހާފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 37 މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ހޮކޭގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ސްކައިއަށް ވެސް ނަތީޖާ ހަމަކުރަން މިއަދުގެ މެޗުގައި މަދު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް މައްލެއާއި ނަދީމްގެ ހަމަލާތައް ގޯލަށް ވަންނަ ގޮތެއް ނުވި އެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. އެގޮތުން މާދަމާ ހަވީރު 15:50 ގައި ޒިގްޒެގުން ނުކުންނާނީ ކެޑާ ދެކޮޅަށެވެ. ޒިގްޒެގް ފުރަތަމަ މެޗުގައި އެޓީމު މާއްޓޭ ސްޕޯޓްސް އަތުން މޮޅުވިއިރު ކެޑް ވަނީ ސްކައި އަތުން ބަލިވެފަ އެވެ. އެހެންކަމުން ކެޑަށް މިމެޗުން މޮޅެއް މުހިންމުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355