twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޒިގްޒެގުން ކެޑު ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

މުޙައްމަދު އަހުމަދު
Dec 10, 2022

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި އިއްޔެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ކޮޅަށް ލަނޑު ގޯންޏެއްް އޮއްސާލައިފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ޒިގްޒެގާއި ކެޑް ބައްދަލުކުރިއިރު މިމެޗުގައި ޒިގްޒެގުން ވަނީ ކެޑް ކޮޅަށް 11 ލަނޑު ޖަހާފަ އެވެ. ޒިގްޒެގުން މެޗު ކާމިޔާބުކުރީ 11 - 0 ގެ ބޮޑު ފަރަގަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ޒިގްޒެގުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި 3 ލަނޑު ޖަހާ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. އެޓީމުގެ ޖޯޒީ ނަމްބަރު 8 އިބްރާހިމް 34 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިންއިރު އޭގެ ދެމިނެޓުފަހުން އަންވަރު އާދަމް ޒިގްޒެގަށް ލީޑު ފުޅާކޮށްދިނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓުގައި އަބޫބަކުރު އާދަމް ޒިގްޒެގުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި ޒިގްޒެގް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ ހާފު ވެސް އެޓީމުން ފެށީ ވަރަށް ވަރުގަދަކޮށެވެ. 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޒިގްޒެގުގެ ހަސަން ނަޒީމް (ޗޯޓު) އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކުރިއިރު އޭގެ ހަތަރު ވަރަކަށް މިނެޓުފަހުން އަނެއްކާވެސް ޗޯޓު ވަނީ ޒިގްޒެގަށް ލީޑު ފުޅާކޮށްދީފަ އެވެ.

62 ވަނަ މިނެޓުގައި އިބްރާހިމް ޒިގްޒެގުގެ 6 ވަނަ ލަނޑު ޖެހިއިރު އެޓީމުގެ އަނެއް ފަސް ލަނޑު ޖަހައިދިނީ އަހްމަދު ނާއިލްއާއި އަހްމަދު އާދަމް އެވެ. ޒިގްޒެގުގެ ޒުވާން ފޯވާޑް އަހްމަދު ނާއިލް 4 ލަނޑު ޖެހިއިރު އަހްމަދު އާދަމް ވަނީ އެޓީމުގެ 11 ވަނަ ލަނޑު ޖަހައިދީފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒިގްޒެގްގެ ޖޯޒީ ނަމްބަރު 7 އަދި ރާއްޖޭގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ހަސަން ނަޒީމް (ޗޯޓު) އެވެ. މިމުބާރާތުގައި މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސްއާއި ސްކައި އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 15:50 ގައި ޒޯން ސްޓޭޑިއަމް 1 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355