އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ކުޅެވުނު މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން މާއްޓޭ ސްޕޯޓްސް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ.
ފަރަގު ބޮޑުކޮށް ނިމުނު މިމެޗުގައި ސްކައިއިން ވަނީ މާއްޓޭ ސްޕޯޓްސް ކޮޅަށް 19 ލަނޑު ޖަހާފަ އެވެ. މިމެޗު ސްކައިއިން ކާމިޔާބުކުރީ 19 - 1 ގެ ނަތީޖާއަކުންނެވެ. ސްކައިގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނު މިމެޗުގައި މުޅި ޓީމުން ވެސް މޮޅު ކުޅުމެއް ދައްކާ މެޗު ޑޮމިނޭޓްކުރި އެވެ.
ސްކައިއިން މެޗުގެ ކުރީކޮޅު ބޮޑު ލީޑެއް ނެގި އެވެ. ފުރަތަމަ 10 މިނެޓުގެ ތެރޭގައި އެޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ 4 ލަނޑު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސްކައިއިން ޖުމްލަ 9 ލަނޑު ޖަހާފައިވެ އެވެ. އިއްބެގެ 6 ލަނޑު ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ އަނެއް 3 ލަނޑު ޖަހާފައިވަނީ ހުސެއިން އަބްދުއްރަޝީދު (ބިގޭ)ގެ ދެލަނޑާއި އިފްރާން އަބޫބަކުރު (އިއްޕަ) އެއް ލަނޑެވެ.
ދެވަނަ ހާފު ވެސް ސްކައިއިން ވަރުގަދަކޮށް ފެށިއިރު ދެވަނަ ހާފު ފެށިގެން 2 ވަނަ މިނެޓުގައި މުހައްމަދު ހަމްދާން ވަނީ އެޓީމުގެ 10 ވަނަ ލަނޑު ޖަހައިދީފަ އެވެ. އޭގެ 8 ވަރަކަށް މިނެޓުފަހުން އިއްބެ ލީޑު ފުޅާކޮށްދިންއިރު 66 މާއްދު އަދުނާން ވަނީ ސްކައިގެ 12 ވަނަ ލަނޑު ޖަހައިދީފަ އެވެ. 71 ވަނަ މިނެޓުގައި ސްކައިގެ ހުނަރުވެރި ކުޅުންތެރިޔާ އަހްމަދު ނަދީމް އެޓީމަށް އިތުރު ލަނޑެއް ޖަހައިދިންއިރު މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި އިއްބެ ވަނީ 6 ލަނޑު ޖަހާފަ އެވެ.
މިމެޗުގައި މާއްޓޭ ސްޕޯޓްސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 92 ވަނަ މިނެޓުގައި އިސްމާއިލް އަހްސަން އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި ޖުމްލަ 13 ލަނޑު ކާމިޔާބުކުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
މިމުބާރާތުގައި މާދަމާ ކުޅެވޭ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގާއި ކުލަބް ކޮރަލްސް އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.