ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ޕޯޗުގަލް ބަލިވެ ކެޓިއިރު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މެސެޖެއް އާންމުންނަށް ދޫކޮށްލައިފި އެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލުގައި ރޮނާލްޑޯގެ ޕޯޗުގަލް ވަނީ މޮރޮކޯ އަތުން 1 - 0 ން ބަލިވެ ކަޓާފަ އެވެ. ސްވިޒަލޭންޑް އަތުން ދެވަނަ ބުރުގައި ބޮޑު މޮޅެއް ހޯދައިގެން ޕޯޗުގަލުން ކުއާޓާއަށް އައިއިރު ދެމެޗުގައި ވެސް ރޮނާލްޑޯ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ރޮނާލްޑޯއަށް ފުރަތަމަ 11 އިން ޖާގަ ދީފައެއް ނުވެ އެވެ. މިކަމާ ނުރުހުން ފާޅުކޮށް ޕޯޗުގަލްގެ ކުރީގެ ތަރި ލުއިސް ފީގޯ ވެސް ވަނީ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމެނުމަކީ ކޯޗު ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ.
މެޗުން ބަލިވުމުން ރޮނާލްޑޯ ރޮމުން ދަނޑުން ފައިބައިގެން ދިޔަ މަންޒަރު ފެނުނުއިރު މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ. 37 އަހަރުގެ ތަރި މިހާތަނަށް ފަސް ވޯލްޑްކަޕެއްގައި ވާދަކޮށްފައިވާއިރު މިހާތަނަށް އަދި ގައުމީ ޓީމުން ކުޅުން ހުއްޓާލާނެ ކަމަށް ސީދާ ބުނެފައެއް ނުވެ އެވެ.
އިއްޔެ ރޭ ރޮނާލްޑޯ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް މެސެޖެއް ދޫކޮށްލާފަ އެވެ. ރޮނާލްޑޯ ބުނެފައިވަނީ ޕޯޗުގަލްއަށް ވޯލްޑްކަޕުގެ ތަށި ހޯދައިދިނުމަކީ އޭނާގެ ކެރިއަރުގައި ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށެވެ. ބައިނަލްއަގްވާމީ ގިނަ ވަނަތަކެއް ޕޯޗުގަލްއާއެކު ލިބިފައިވީ ނަމަވެސް ދުނިޔޭގެ އެންމެ މައްޗަށް އޭނާގެ ޓީމު ގެންދިޔުމަކީ އޭނާ ދެކުނު އެންމެ ބޮޑު ހުވަފެން ކަމަށެވެ.
މިހުވަފެން ހާސިލްކުރުމަށް ހަނގުރާމަކޮށް ގިނަ މަސައްކަތްތަކެއް ކުރިން ކަމަށާއި 16 އަހަރުގެ ތެރޭގައި 5 ވޯލްޑްކަޕެއްގައި ލަނޑު ވެސް ޖެހި ކަމަށެވެ. އަދި މޮޅެތި އެތައް ކުޅުންތެރިންނާ އެތައް މިލިއަން ޕޯޗުގީޒުންގެ ސަޕޯޓް ލިބުނު ކަމަށެވެ.
ހުވަފެން ހާސިލްކުރުމަށް ދަނޑުމަތީގައި ކުރެވުނު ހުރިހާ ކަމެއް ކުރިން ކަމަށް ރޮނާލްޑޯ ބުނެފައިވާއިރު އޭނާ އިތުރަށް ބުނީ އެންމެ ފަހަރަކު ވެސް ފަސް އެނބުރި ބަލާލާފައިނުވާނެ ކަމަށެވެ. އެހެން ނަމަވެސް މެޗުން ބަލިވުމާއެކު އެހުވަފެން ނިމިފައިވާ ކަމަށެވެ.
ވަރަށް ގިނަ ވާހަކަތަކެއް ލިޔެވި ގިނަ ވާހަކަތަކެއް ދެއްކި ގިނަ އަޑުތަކެއް ފެތުރުނު ނަމަވެސް ޕޯޗުގަލްއަށް އޭނާ ދޭ އަހައްމިއްޔަތުކަން ކުޑަވެސް މިންވަރަކަށް އަދި ހިނދު ކޮޅަކަށް ވެސް ބަދަލުވެފައި ނުވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.
ދުވަހަކު ވެސް ކުޅުންތެރިންނާއި ގައުމަށް ދެރައެއް ދިނުމަށް މަސައްކަތް ނުކުރާނެކަމަށާއި އަބަދުވެސް ހުވަފެންތައް ހާސިލްކުރުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރި ކަމަށް ރޮނާލްޑޯ ބުނެ އެވެ.
ގައުމީ ޓީމަށް 118 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯއަކީ ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ހުރިހާ ފޭނުންނާއި އޭނާގެ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ.