އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ކުޅެވުނު މެޗު ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ބަލިކޮށް ފަސޭހަކަމާއެކު ކުލަބް ކޮރަލްސްއިން ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުލަބް ކޮރަލްސްއާއި ޒިގްޒެގް ބައްދަލުކުރި މެޗު ކޮރަލްސްއިން ކާމިޔާބުކުރީ 3 - 0 ންނެވެ. ފޯރިގަދަ އަދި މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މިމެޗުގައި ހާއްސަކޮށް ކޮރަލްސްގެ ޖޯޒީ ނަމްބަރު 37 މުހައްމަދު ރަޝީދު (ހޮކޭ)ގެ ކުޅުން ފާހަގަކޮށްލެވެ އެވެ.
ގިނަ ފައުލްތަކަކާ ކާޑުތަކެއް ވެސް މެޗުގައި ފެނުނުއިރު ޒިގްޒެގްގެ މުހައްމަދު ޖަމްޝާދުއަށް ރެފްރީ ވަނީ ރަތްކާޑެއް ވެސް ދައްކާފަ އެވެ. މެޗުގެ ކުރީކޮޅު ވެސް ކޮރަލްސްއިން ރަނގަޅަށް ކުޅުނު ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވީ އެވެ.
ކޮރަލްސްގެ 3 ލަނޑު ވެސް އެޓީމުން ކާމިޔާބުކުރީ މެޗުގެ އެންމެފަހު ވަގުތުކޮޅު ތެރޭގަ އެވެ. 86 ވަނަ މިނެޓުގައި އަމްޖަދު ހަސަންގެ ލަނޑުން ކޮރަލްސް ލީޑު ނެގިއިރު އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ފަތުހުﷲ އާދަމް އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނެވެ. މެޗުގެ ފަހު ލަނޑު އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ކޮރަލްސްއަށް ކާމިޔާބުކޮށްދިނީ އަސްވަދު ރަޝީދު (އަސްލޭ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ކޮރަލްސްގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ލަނޑެއް ނުޖެހި ނަމަވެސް ހޮކޭ ވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ކޮރަލްސްއިން އެންމެފަހުން ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ހޮކޭ އެވެ.
މުބާރާތުގައި މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސްއާއި ކެޑް އެވެ. ދެޓީމަށް ވެސް މިހާތަނަށް މޮޅެއް ލިބިފައިނުވާއިރު ދެޓީމުން ވެސް މޮޅަކުން މުބާރާތް ނިންމާލަން މާދަމާ މެޗު ވަރަށް މުހިންމުވާނެ އެވެ. ކެޑަށް ބާކީ ކޮރަލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮތްއިރު މާދަމާގެ މެޗަކީ މާއްޓޭ ސްޕޯޓްސްގެ ފަހު މެޗެވެ. މިމެޗު ކުޅެވޭނީ މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.