އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އަތުން ބަލިވެ މާއްޓޭ ސްޕޯޓްސް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ.
މިއަދު ހަވީރު ކުޅެވުނު މެޗުގައި ކެޑް އަތުން މާއްޓޭ ސްޕޯޓްސް ބަލިވީ 2 - 1 ގެ ނަތީޖާއަކުންނެވެ. އެއްވެސް މެޗަކުން މޮޅުނުވެ މާއްޓޭ ސްޕޯޓްސް މުބާރާތުން ކެޓިއިރު ކެޑަށް ވެސް ކުރިއަށް ދިޔުމަށް އޮތް އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ.
ހަނި ފުރުސަތެއް ކެޑަށް އޮތްއިރު އެޓީމަށް ސެމީއަށް ދެވޭނީ މާދަމާ ސްކައި އަތުން ޒިގްޒެގް ނުވަތަ ޒިގްޒެގް އަތުން ސްކައި ބޮޑު ތަފާތަކުން ބަލިވެ ފަހު މެޗުގައި ކެޑުން ބޮޑު ނަތީޖާއަކުން ކުލަބް ކޮރަލްސް ބަލިކޮށްގެންނެވެ. ޒިގްޒެގަށް ފައިދާ 12 ގޯލު އޮތްއިރު ކެޑަށް އޮތީ ނެގެޓިވް 19 ގޯލެވެ. އަދި ސްކައިއަށް ފައިދާ 25 ގޯލު އެބައޮތެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ކެޑް ބަލިވިއިރު މޮޅުވީ އެންމެ މެޗަކުންނެވެ.
ޒިގްޒެގް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފަ އެވެ. އެއް މެޗުން ބަލިވިއިރު އެޓީމަށް ބާކީ އޮތީ މާދަމާ ހަވީރު ސްކައިއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންކަމުން ސެމީގެ ޖާގައެއް ޔަގީންކުރުމަށް ސްކައިއާއި ޒިގްޒެގަށް މާދަމާގެ މެޗު ވަރަށް މުހިންމުވާނެ އެވެ.
މިވަގުތު ޖުމްލަ 9 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ކުލަބް ކޮރަލްސް އެވެ. އެޓީމަށް ވެސް ބާކީ އެއް މެޗު އޮންނާނެ އެވެ. އެއީ ބުރާސްފަތި ދުވަހު ކެޑާ ދެކޮޅަށް ނުކުންނަ މެޗެވެ.
މިއަދު ހަވީރު ކުޅެވުނު މެޗުގައި ކެޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފަ އެވެ. އަބްދުﷲ މުހައްމަދުގެ ލަނޑުން 16 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގި އެވެ. ލީޑުގައި އޮވެ ކެޑުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި މާއްޓޭ ސްޕޯޓްސްއިން ވެސް ކުޅުން ރަނގަޅުކުރި އެވެ. ނަމަވެސް 61 ވަނަ މިނެޓުގައި ކެޑުގެ އަބްދުﷲ ނާސިހް ވަނީ ކެޑަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އޭގެ 3 މިނެޓުފަހުން ސާލިމް މުހައްމަދު (ލިމޭ) މެޗުގައި މާއްޓޭ ސްޕޯޓްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި މާއްޓޭ ސްޕޯޓްސްގެ ޖޯޒީ ނަމްބަރު 21 ސާލިމް މުހައްމަދު (ލިމޭ) އެވެ. މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވޭ މެޗުގައި ސްކައިއާއި ޒިގްޒެގު ގަދަހިފުމަކަށް ދާނެ އެވެ.