twitterviber whatsapp telegramfacebookyoutube instagram
21st November 2024

ހުނަރުން ފުރިފައި: މި ޒުވާނާގެ މަސައްކަތަކީ ނަމޫނާއެއް

މުޙައްމަދު އަހުމަދު
Mar 26, 2023
1

ރިއަލް ޓެއިލާސްގެ ބިއްލޫރިގަނޑުގައި މަގުމަތިންދާ މީހުންނަށް ފެންނާނެހެން އަންހެނުންގެ އަތްދަބަސްތަކަކާއި ސްކޫލު ކުދިންގެ ފޮތް އަޅާ ބޮޑު ދަބަހެއްވެސް އެލުވާފަ ހުއްޓެވެ. ކުޅުދުއްފުށީގެ ޝަހީދު ހުސެއިން އާދަމް މައިޒާނުގެ ކުރިމައްޗަށްވާ ގޮތަށް ހުރި މިތަނަކީ ފަހާތަނެކެވެ. އެކަމަކު މިއީ ރާއްޖޭން ފެންނަކަހަލަ އާދައިގެ އަންނައުނު ފަހައިތަނެއް ނޫނެވެ. ސޯފާ ކަވަރާއި ސޯފާ މަރާމާތުކުރުމާއި ލޯންޗު ސަތަރި އާއި ސައިކަލު މަޑި، އެނދުގެ ހެޑްބޯޑާއި ކާރު ސީޓާއި އަންހެނުންގެ އަތްދަބަހާއި ސްކޫލު ކުދިންގެ ދަބަސް ފަހައިދޭ ތަނެކެވެ.

މިހުރިހާކަމެއްގެ ފަހަތުގައި ހުރީ 24 އަހަރުގެ އާދަމް އަބުދުއްރަހީމް (އެޑީ) އެވެ. ހުނަރުން ފުރިގެންވާ މި ޒުވާނާ ފަހަން ފެށީ އޭނާ އުމުރުން އެންމެ 11 އަހަރުގައި އެވެ. ގާތް ބަޔަކާއެކު ކުރަން ފެށުނު މިމަސައްކަތް އެޑީއަށް މާކަމުގޮސްފި އެވެ. އުފެދުނު އެ ޝައުގުވެރިޔަކާއެކު ފެހުމުގެ ތެރެއަށް ވަދެ ރަނގަޅަށް ދަސްކޮށްލި އެވެ. އިސާހިތަކު އޯޑަރުތައް ލިބެން ފެށި އެވެ. އެކަމަކު އޭރު އޭނާ ފަހައިދެނީ ހަމައެކަނި އަންހެނުންގެ ހެދުމެވެ.

ފެހުމުގެ ދާއިރާގައި ޒުވާން ފިރިހެނުން ހަރަކާތްތެރިވާތަނަކީ އާންމުކޮށް ފެންނަ ކަމެއް ނޫނެވެ. އެހެންނަމަވެސް އެޑީ މިދާއިރާއަށް ވަނުމުން އޭނާގެ ގާތް މީހުންގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓް ލިބި ހިތްވަރު ލިބުނެވެ. ކަސްޓަމަރުން އެންމެ ކަމުދަނީ އޭނާ ގެންގުޅޭ ފެހުމުގެ ތަފާތު ސްޓައިލެވެ. ޝައުގުވެރި ޑިޒައިންތަކެވެ. ސްކޫލަށް ދަމުން ކުރި މިމަސައްކަތް އޭރުވެސް ކާމިޔާބެވެ. ސްކޫލު ނިންމާ މިހާރު މިމަސައްކަތުގައި އުޅޭތާ 12 އަހަރުވެގެންދިޔައިރު އެޑީ މިހާރު ހުރީ މުޅިން އެހެން ހަރުފަތެއްގަ އެވެ. މިހާރު އޭނާއަކީ ހަމައެކަނި އަންނައުނު ފަހައިދޭ މީހެއް ނޫނެވެ.

އެހެން ހަރުފަތަކަށް: ދަބަހާއި އަތްބަސް ފެހުން

އާއިލާ ބައެއްގެ ފަހައިތަނެއްގައި މަސައްކަތްކުރަމުންދާ އެޑީގެ އެންމެ ތަފާތު މަސައްކަތަކީ ދަބަސް ފެހުމުގެ މަސައްކަތެވެ. އޭނާ މަސައްކަތްކުރާ ތަނުގައި އެލުވާލާފައިވާ ދަބަސްތައް ބަލާލާ އެކަކުވެސް އެއީ ރާއްޖޭގެ އުފެއްދުމެކޭ ނުބުނާނެ އެވެ. އެހާވެސް ކޮލިޓީވެފައިވާ މަސައްކަތް ފުރިހަމަ އެވެ.

އެ މީހަކު ބުނި ގޮތަކަށް ދަބަސް ފެހޭނެ އެވެ. އެކަމަކު ދަބަހުގެ ވިޔަފާރިއަށް އެކަށީގެންވާ އޯޑަރު ނުލިބޭކަމަށް އެޑީ ބުންޏެވެ. އެހެން އެވަނީ ގިނަ ބަޔަކަށް އޭނާ ދަބަސް ފަހައިދޭކަން ނޭނގޭތީކަމަށްވެދާނެކަމަށް އެޑީ ބުންޏެވެ.

"މިހާރު އައިސް މީހުން ބުނޭ ދެން ބޭގް ގަންނަން އަންނަނީ މިތަނަށްށޭ، ބޭނުންވާ ގޮތަށް ފަހާލަން، ދެން ފިހާރައަކުން ނުގަންނާނަމޭ. އެގޮތަށް މީހުން ބުނޭ." އާދަމް ބުންޏެވެ.

އަދި އެހާވަރަށް ދަބަހުގެ އޯޑަރު ނުލިބުނު ނަމަވެސް ކުރިއަށްއޮތްތާ ގިނަ އޯޑަރުތައް ލިބޭނެކަމަށް އޭނާ އުންމީދުކުރެ އެވެ. ދަބަހުގެ ވިޔަފާރި އެންމެ އުހަށް ފުޅާވެގެން އަދި ނުދިޔަކަމުގައިވީނަމަވެސް މިއީ އެޑީ ތަފާތުކަން ދައްކައިދޭ ފުރިހަމަ ހާއްސަ މަސައްކަތެކެވެ.

ސިލްވާ ކުޝަނުން ގިނަ މަސައްކަތްތައް ދަސްވި

އެޑީ ކުރިން ވަޒީފާ އަދާކުރި ސިލްވާ ކުޝަން އިން ގިނަ މަސައްކަތް ދަސްކުރި އެވެ. އެގޮތުން ސޯފާއާއި ލޯންޗު ސަތަރި ފަހަން ފެށުނީ ސިލްވާ ކުޝަންއަށް ވަތްފަހުންނެވެ. ސަތަރި ފެހުމާއި ސޯފާގެ މަސައްކަތްތަކަކީ އަންނައުނު ފެހުމާއި ހާސް ތަފާތު ދެ މަސައްކަތްކަމަށް އޭނާ ބުންޏެވެ.

އަންނައުނު ފަހައިގެން އެކަށީގެންވާ އާމްދަނީއެއް ލިބޭއިރު އަންނައުނަށް ފަހު އެޑީ ދެން ފެނިގެންދިޔައީ ފެހުން އިތުރު ހަރުފަތަކަށް ކުރިއަށް ޖައްސާލި ތަނެވެ. އަންހެނުންގެ އަތް ދަބަހާއި ސްކޫލް ކުދިންގެ ދަބަހުން ފެށިގެން ގޮސް ސައިކަލު މަޑިއާއި ލޯންޗު ސަތަރި އަދި ސޯފާ ކަވަރުވެސް މިހާރު އޭނާ އަންނަނީ ފަހައިދެމުންނެވެ.

ސޯފާއާއި ސައިކަލު މަޑި އަދި ލޯންޗު ސަތަރީގެ ވިޔަފާރީއަށް ގިނަ އޯޑަރުތައް ލިބެ އެވެ. ސީދާ ވަޒީފާއެއްގެ ގޮތުގައި ގިނަ ތަކެތި ފަހާއިރު މަސައްކަތާ ބަލާފައި ރަނގަޅު އާމްދަނީއެއް ލިބޭކަން އެޑީ ފާހަގަކުރެ އެވެ. ހުރިހާ ކަމެއްވެސް އެޑީ ކުރަނީ ޝައުގުވެރިކަމާއެކު އެވެ. ވަކި ތަފާތުކަމެއް ނޯވެ އެވެ. ފެހުމުގެ މަސައްކަތަކަށްވާނަމަ އުފަލުން އެކަމެއްކުރެ އެވެ.

އޭނާއަށް މިދާއިރާގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހެން މީހުންނަށް އޭނާގެ މަސައްކަތްތައް ކަމުގޮސްއެކަމާ ގުޅިގެން މީހުންގެ ފަރާތުން އޮއްސާލައި އުފާވެރި ހިތްވަރުދޭ މެސެޖުތަކުންނެވެ. ކޮންމެ ދާއިރާއެއްގައިވެސް އެންމެންވެސް ދެކޭނެ ދުވަހަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތެއް ކުރުންކަން ޔަގީނެވެ. އެޑީގެ ވިސްނުންވެސް ހުރީ ހަމަ އެމަގުގަ އެވެ. އޭނާގެ އެންމެ ބޮޑު ހުވަފެނަކަށްވެފައިވަނީ އަމިއްލަ ވިޔަފާރިއެއް ހުޅުވުމެވެ. އަދި އަމިއްލަ ތަނެއް ހުޅުވާ އެތަނުގައި މަސައްކަތް ކުރުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ކުރަމުން އަންނަ ބޮޑު އުއްމީދެކެވެ.

ރައްޓެހިންނާ އާއިލާގެ އިތުރުން މިވަގުތު މަސައްކަތްކުރާ ތަނުގެ ވެރިންގެ ފަރާތުން ލިބޭ ސަޕޯޓަކީ މިދާއިރާއިން އެންމެ އުހަށް ވާސިލުވުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އަދި އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އޭނާ ފާހަގަކުރެ އެވެ.

ރައްޓެހިންނާ އާއިލާގެ އިތުރުން މިވަގުތު މަސައްކަތްކުރާ ތަނުގެ ވެރިންގެ ފަރާތުން ލިބޭ ސަޕޯޓަކީ މިދާއިރާއިން އެންމެ އުހަށް ވާސިލުވުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. އަދި އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އޭނާ ފާހަގަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355