twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލް ހިއްސާއަކަށް 40 ރުފިޔާ ބަހަން ނިންމައިފި

ނަބީލާ އިސްމާޢީލް
May 30, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ރޭގައި އޮތް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ނިންމާފައިވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހުނު 20 ރުފިޔާ ހިމަނައިގެން ކަމަށެވެ. އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ބެހީ ޖުމްލަ 107.6 މިލިއަން ރުފިޔާ އެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމުން މިދިޔަ އަހަރު ކުރި ހީވާގި ބުރަ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. ފާއިތުވި 40 އަހަރު ބޭންކަށް އިތުބާރުކުރައްވާ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޮތުގައި ތިއްބެވި އެންމެހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް. މި ސްޓްރެޓަޖީގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމަށް." ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލް އިން ކުރިން ދޫކުރި އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2022 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެ އެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355