twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ތަށި ޒިގްޒެގުން އުފުލާލައިފި

މުޙައްމަދު އަހުމަދު
Jun 19, 2023
1

ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގެ ފައިނަލުގައި މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށް މުބާރާތުގެ ތަށި ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ހިއްލާލައިފި އެވެ.

މިއަދު ކުޅެވުނު މެޗުގައި ހަނިމާދޫގެ މައްޗަށް ޒިގްޒެގުން ކުރިހޯދީ 1 - 0 ގެ ހަނިތަފާތަކުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަނިމާދޫއަށް ވަނީ މިމެޗުގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅެފައިވަނީ ހަނިމާދޫއިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޒިގްޒެގުން ވަނީ ލީޑު ނަގާފަ އެވެ. 14 ވަނަ މިނެޓުގައި ޒިގްޒެގަށް ލީޑު ނަގައިދިނީ އެޓީމުގެ ބޭރު ފޯވާޑް ޕްރިންސް ބޯޑު އެވެ. މިއަދުގެ މެޗަށް ބަލާލާއިރު ހަނިމާދޫގެ ފަރާތުން ޖުމްލަ ގޮތެއްގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ޒިގްޒެގުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

އަދި ޒިގްޒެގުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޒިގްޒެގުގެ މެދުތެރެއަށް ކުޅެމުން އަންނަ އެޓީމުގެ ޖޯޒީ ނަމްބަރު 10 މުހައްމަދު ޝާފިއު ހަސަންގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އޭނާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފަ އެވެ.

މެޗުގައި ގިނަ ފައުލްތަކެއް ފެނުނުއިރު ޒިގްޒެގުގެ ޕްރިންސް ބޯޑު އަދި ޖެރީއަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އަދި ހަނިމާދޫގެ ކޯޗު މުހައްމަދު ނާސިރަށް ވެސް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފަ އެވެ. މުބާރާތުގައި ހޮވި ހާއްސަ ވަނަތަކަށް ބަލާލާއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހިރަފުސް ސްޕޯޓްސް ކުލަބެވެ.

އެންމެ މޮޅު ޑިފެންޑަރަކަށް ޒިގްޒެގުގެ ޖެރީ އޮމްބެލޭ ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކީ ހަނިމާދޫގެ ކެޕްޓަން އާލިފް އިބްރާހިމެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ޒިގްޒެގުގެ ޕްރިންސް ލާބީ ހޮވުނުއިރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ޒިގްޒެގުގެ ކީޕަރު ހައިޝަމް އަބްދުﷲ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޒިގްޒެގުގެ ކޯޗު އަހްމަދު އާސިފެވެ.

މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހަ ކުޅުންތެރިޔަކު ހާސިލްކުރި އެވެ. އެއީ ޒިގްޒެގުގެ ޕްރިންސް ލާބީއާއި އަބޫބަކުރު އާދަމް އަދި ޕްރިންސް ބޯޑުގެ އިތުރުން ކުލަބް ހުވާސްގެ ސާލިމް މުހައްމަދާއި މާއްދު އަދުނާން އަދި ކޮރަލްސްގެ އަހްމަދު ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ކުލަބް ހުވާސްގެ ސާލިމް މުހައްމަދު (ލިމޭ)އަށް ލިބުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގުގެ ޖޯޒީ ނަމްބަރު 99 އަރެޕޭޑް ޖެރީ އޮމްބޭލޭ އެވެ. އޭނާގެ ފަރާތުން މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މިދިޔަ ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅަށް ޒިގްޒެގަށް ކުޅުން ނުދެއްކުނު ނަމަވެސް އެޓީމުން މިވަނީ މިފަހަރުގެ މުބާރާތަށް ރަނގަޅަށް ތައްޔާރުވެ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހާސިލްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355