twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބީއެމްއެލްއިން އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް 'ޑިވައިސް މެނޭޖްމެންޓް' ތައާރަފުކޮށްފި

Sep 19, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް 'ޑިވައިސް މެނޭޖްމަންޓް' ހިދުމަތް ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ ކަސްޓަމަރުން ސްކޭމްތަކުން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

އެ ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލައި، ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ވެސް ލޮގްއައުޓް ކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ ކަށަވަރު ކުރުމަށް އެ ބޭންކުން ޚާއްޞަ އިސްކަމެއްދޭ ކަމަށެވެ. އަދި ބީއެމްއެލްގެ ސިސްޓަމްތަކަށް މިފަހުން ގެންނަމުންދާ ބަދަލުތަކާއި ތައާރަފު ކުރާ ފީޗާތަކުން އެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސްކޭމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިގެންދޭ. ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފު ކުރެވޭ މުހިންމު ފީޗައެއް. މި ފީޗާގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެ." ސްޓުމްކަ ވިދާޅުވިއެވެ.

ކަސްޓަމަރުން ސްކޭމްތަކުން ރައްކާތެރިކުރުމަށް މިފަހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

- ޖޫން މަހު ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފުކޮށްފަ

- މެއި މަހު ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓާ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފަ. އަލަށް ގެނެވުނު އަޕްޑޭޓްއާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލޭޔާއެއް އިތުރުކުރި.

- މާޗް މަހު، އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކުރި.

މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލްއެއްގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފައްޓާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް، 87 ސެލްފްސަވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް ހުންނައިރު، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހަރަކާތްތެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355