ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްުދުއްރަހީމް އަބްދުﷲ އައްޔަން ކުރައްވައިފި އެވެ.
ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އަބްދުއްރަހީމާ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ހަފުލާއެއްގައި ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އައްޔަން ކުރެއްވި އަބްދުއްރަހީމަކީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރައީސަށް ކާމިޔާބު ކޮށްދެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅާ އެވެ. ރައީސް މުއިއްޒާ އެކު ކެމްޕެއިނަށް ހުރިހާ ރަށަކަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވަޑައިގަތެވެ.
ރައީސްކަމަށް މުއިއްޒު އިންތިހާބު ކުރުމާ އެކު، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ވެސް މުއިއްޒު އައްޔަން ކުރެއްވީ އަބްދުއްރަހީމެވެ. އަދި އޭނާ އަކީ ޕީޕީއެމްގެ ފުރަތަމަ ވެރިކަން ދެމެހެއްޓުމުގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.
އަބްދުއްރަހީމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލ. ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ލާމު އަތޮޅު އޮފީހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ އެންމެ އިސް ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރެއްވުމާ އެކު އެ ކޯލިޝަނުގެ އެންމެ އިސް ފަރާތުގެ ގޮތުގައި، އިދިކޮޅުގެ އަޑު ފަނޑުވިޔަ ނުދީ ކުރި މަސައްކަތުގައި ވެސް އެންމެ އިސްކޮށް އަބްދުއްރަހީމް ހަރަކާތެރިވެލެއްވި އެވެ.