ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން މިހާރު އެޕްރޫވަލް ލިބޭނެކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ އެ ބަދަލަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނައި ބަދަލެއް ކަމަށެވެ.
އެ ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ ހިދުމަތް ލިބޭނެކަމަށް ބޭންކުން ބުންޏެވެ.
ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަޤުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ހިދުމަތް ހޯދުމުގެ ފުރުސަތުވެސް ލިބޭނެކަމަށާއި ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް ނުވަތަ ކޮމޯޑިޓީ މުރާބަހަ އުސޫލުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން މި ގެނައި ބަދަލާއެކު ކުރިން ފަސް ދުވަސް ނަގާ އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ނަގަނީ މަދު ވަގުތުކޮޅެކެވެ.