twitterviber whatsapp telegramfacebookyoutube instagram
28th May 2024

ބީއެމްއެލް އިން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ ލިބޭ ލޯނެއް

May 9, 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިން އަށް އަމާޒުކޮށް އާ ލޯނު ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފި އެވެ.

ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށެވެ.

ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ދީފައިވާއިރު މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް ދޫކުރެވޭ ލޯނެކެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލް އިން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފަ އެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ލޯނު ދޫކުރެވޭނެ އެވެ.

ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބެ އެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ލިބޭނެ ގޮތް މަގުފަހިކުރުމަށް ތައާރަފްކުރި ލޯނެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 ޕަސަންޓް ރޭޓުގައި ލޯނު ލިބޭނެ،" މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355