twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކުނިވާޒާތުގެ ކުނި އެޅުމަށް ހަނިމާދޫ ކައުންސިލުން ހެދި ޑަސްބިން ހަޓްތައް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Aug 1, 2024

ކުނިވާޒާތު ކުނި އެޅުމަށް ހަނިމާދޫގައި ޑަސްބިން ހަޓްތަކެއް ހަދާ، ބޭނުން ކުރަން ފަށައިފި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ރަށުގެ 5 ސަރަހައްދެއްގައި ބަދިގެއިން އުކާލެވޭ ކުނިވާޒާތުގެ ކުނި އެޅުމަށް ހާއްސަކުރެވިފައިވާ ޑަސްބިންތައް ބެހެއްޓުމަށް ހެދިފައިވާ ޑަސްބިން ހަޓްތައް މިއަދު ވަނީ އާއްމުކޮށް ބޭނުންކުރަން ހުޅުވާލާފައިކަމަށެވެ.

ފިރާގު ވިދާޅުވީ މި ހަޓްތަކުގެ ބޭނުމަކީ ކާޅާއި ބުޅަލަށް ޑަަސްބިންތައް ކައިރިއަށް ނުވަދެވޭނެހެން ތައްޔާރުކުރެވި އަދި ކުނި އަޅާ ތަނަކީވެސް ރީތި ތަނަކަށް ހެދުމުގެ އިތުރުން ހަނިމާދޫއަކީ ރަށުގެ ރައްޔިތުންނަށާއި، ރަށަށް އަރާ އެންމެހައި މެހެމާނުންނަށްވެސް ސާފުތާހިރު ރީތި ރަށަކަށް ހެދުމުގެ މަޤްސަދުގައި ގާއިމްކުރެވުނު ހަޓްތަކެއް ކަމަށެވެ.

ކައުންސިލް މާލިއްޔާއިން ގާތްގަނޑަކަށް 5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި 5 ހަޓުގައި ކޮންމެ ހަޓެއްގައިވެސް 3 ޑަސްބިން ބެހެއްޓިފައި ހުންނާނެ ކަމަށާއި ކުރިއަށްއޮތްތާގައި އަދި އިތުރު ޑަސްބިން ހަޓްތައް ހަދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.

ހަޓުތައް ހުރި ސަރަހައްދުތައް

  • ރަސްމީ ބޯޅަދަނޑު އިރު ދެކުނު ކަންމަތި
  • ސަހަރާ އިރު އުތުރު ކަންމަތި
  • ފެނަކަ ތެޔޮ ތާނގީ އުތުރު ފަރާތް
  • މާވެޔޮމަގު (ޕްރީސްކޫލް އުތުރުމަގު) ބަނދަރުމަތީ
  • އުނބުށޭމު ހިގުން (ސަސްތާ ފިހާރައާއި އިންވެގެން އިރުމައްޗަށް އުތުރުން ދެކުނަށް އޮތް މަގު)، މި މަގުގައި ހުންނަ ފެނަކަ ޕަމްޕް ސްޓޭޝަންގެ އުތުރުން

ބަލައިލަން ރީތި އެ ހަޓްތަކަށް ކުނިއެޅުމަށް ހާއްސަ ތިން އާނގައެއް ކަނޑާފައިވާއިރު، އެ ކޮންމެ ޖާގައެއްގައި ވަނީ އަމިއްލައަށް ލެއްޕޭގޮތަށް ދޮރު ހަރުކޮށްފައެވެ. މީގެއިތުރުން އިމާރާތުގެ އެތެރޭގައި ވަނީ މުށިޖަހާފައެވެ. އެތެރޭގައި ފެން ލިބޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ހަޓްތައް ވަނީ ރޭގަނޑު ބޭނުން ކުރުމަށް ފަސޭހަވާނޭހެން ކަރަންޓް ލައި ދިއްލާފައެވެ.

ހަނިމާދޫގައި ކުނި އުކުމުގެ ހިދުމަތް ދެމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ. ކުނިއުކުމަށް ކައުންސިލުން ނަގަނީ 100 ރުފިޔާގެ ފީ އެކެވެ. ކުނިވާ ޒާތުގެ ކުނިއުކުމަށް ފީއެއް ނުނަގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355