ހދ. ހިރިމަރަދޫ ރައްޔިތުން އެ ރަށުން ބަދަލުކުރުމަށް އެ އަތޮޅުގެ ހަނިމާދޫގައި ފްލެޓް އެޅުމުގެ މަޝްރޫއަށް، ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރް މޫސާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ގަފޫރް ވިދާޅުވީ އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުގައި ހިރިމަރަދުއަަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ފަޅުރަށެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެންބަރުގެ ފަރާތުން ވެސް އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަޝްރޫއުއަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއުއަކީ ވަކި މަޝްރޫއުއެއް. ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާނެ. ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާ ނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ." މުއްތަލިބު ވިދާޅުވިއެވެ.
އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތަށް ރަށު ކައުންސިލްގެ އަދި ރަށު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ހިރިމަރަދޫގައި މި ވަގުތު ކައުންސިލެއް ނެތްއިރު އެ ރަށު ރައްޔިތުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަށެވެ. ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވެސް ހަވާލުކޮށްފައިވަނީ ހަނިމާދޫ ކައުންސިލާ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހަނިމާދޫ ކައުންސިލުން ހުޅުވާލާފައިވެ އެވެ.




