ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ކުލަބް ކޮރަލްސްއިން ފަސޭހަކަމާއެކު މަންޓާ ސްޕޯޓްސް އެކަޑަމީ އަތުން މޮޅުވެއްޖެ އެވެ.
މިއަދުގެ މެޗުގައި ކޮރަލްސްއިން މަންޓާ އަތުން މޮޅުވީ 5 - 1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިމެޗުން ބަލިވުމާއެކު މަންޓާ މިވަނީ މުބާރާތުން ކަޓައިފަ އެވެ.
ދެޓީމުން ވެސް ވަރުގަދަކޮށް މެޗު ފެށި ކަމުގައިވީ ނަމަވެސް މަޑުމަޑުން ކުޅުމެގެ ތެރެއަށް ވަދެ ކޮރަލްސްއިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެގޮތުން އެޓީމުން ވަނީ 10 މިނެޓު ތެރޭގައި 3 ލަނޑުގެ ލީޑެއް ނަގައިފަ އެވެ.
މެޗުގެ ފުރަތަަމަ ލަނޑު ފެނިގެން ދިޔައީ 31 ވަނަ މިނެޓުގައި ކޮރަލްސް އަށް ލިބުނު ހިލޭ ޖެހުމަކުން ތަނަވަސް ކުރި ފުރުސަތަކުންނެވެ. އެޓީމުގެ ޒައިން ޒަފަރު ނަގައިދިން ހިލޭ ޖެހުން މުހައްމަދު ރަޝީދު (ހޮކޭ) ބޮލުން ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު އެޓީމުގެ ތައުމީމް ނޫހް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
އެޓީމުގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޒައިން އެވެ. މިއީ އަރޭ ނަގައިދިން ކޯނަރަކުން ވަރަށް ރީތިކޮށް ވެއްޓިގެންފައި ޒައިން ޖަހައިދިން ގޯލެކެވެ.
އޭގެ ދެ މިނެޓްފަހުން އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދިނީ ޒައިން އެވެ. މެޗުގެ ފުރަތަަމަ ހާފު ނިމުމުގެ ކުރިން ކޮރަލްސްއިން ވަނީ 4 ވަނަ ލަނޑެއް ވެސް ކާމިޔާބު ކޮށްފަ އެވެ. މިއީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު ދާއޫދު (ޑޭވިޑް) ކާމިޔާބު ކުރި ލަނޑެކެވެ.
ކޮރަލްސްއިން ފުރަތަަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އެޓީމުންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ޑޭވިޑް ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބު ކޮށް 5 ލަނޑުގެ ލީޑެއް ނަގައިފަ އެވެ.
މިމެޗުގައި މަންޓާ ސްޕޯޓްސް އެކަޑަމީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ޖަހައިދިނީ ހަސަން ސާމިލް އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކުލަބް ކޮރަލްސްގެ ޖޯޒީ ނަންބަރު 3 އަހްމަދު ދާއޫދު (ޑޭވިޑް) އެވެ.
މިމޮޅާއެކު ދެން ކުޅޭ މެޗުން މޮޅުވެގެން ނުވަތަ އެއްވަރުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޮރަލްސްއަށް ފަހިވެގެން ދެއެވެ. ނަމަވެސް މިކަން ޔަގީން ވާނީ މިގްރޫޕްގެ އަނެއް ދެމެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މަންޓާ ސްޕޯޓްސް އެކަޑަމީ މިމެޗުން ބަލިވުމާއެކު މުބާރާތުން ކެޓިއިރު މިފަހަރުގެ މުބާރާތަށް އަލްވަދާއު ކީ ފުރަތަަމަ ޓީމަކީ ވެސް މަންޓާ އެވެ.
މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުލަބް ޑޮމިނޭޓާސްއާއި ކުލަބް ސެނޮން އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.