ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ހިރިމަރަދޫ ކުލަބު ޑޮމިނޭޓާސް އާއި ނޭކުރެންދޫ ކުލަބް ސެނޮން ބައްދަލުކުރި މެޗު ޑޮމިނޭޓާސްއިން ކާމިޔާބުކޮށް ސެމީގެ ފައިނަލުގެ ފުރަތަަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
މިއަދު ކުޅެވުނު މެޗުގައި ޑޮމިނޭޓާސްއިން ސެނޮންގރ މައްޗަށް ކުރިހޯދީ 3 - 0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ މޮޅުކުޅުމެއް ދައްކާފަ އެވެ.
ފޯރިގަދަ މިމެޗު ވަރުގަދަކޮށް ފެށީ ވެސް ޑޮމިނޭޓާސްއިންނެވެ. މެޗު ފެށިގެން 4 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު ނަދީމް ވަނީ މެޗުގެ ލީޑު ނަގައިދީފަ އެވެ.
މެޗުގެ ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޑޮމިނޭޓާސްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މެޗުގައި ނަދީމް އާއި ފޯވާޑްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.
ދެވަނަ ހާފު ދެޓީމުން ވެސް ވަރުގަދަކޮށް ފެށިއިރު ސެނޮންއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް އުފައްދާފަ އެވެ. ނަމަވެސއ ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. އެއަށް ވުރެ ހުށިޔާރުކަމާއެކު ޑޮމިނޭޓާސްގެ ޑިފެންސް ވަނީ ސެނޮންގެ ހަމަލާތައް ނާކާމިޔާބު ކޮށްލާފަ އެވެ.
މެޗުގެ 3 ވަނަ ލަނޑު މެޗްގެ ފަހު މިނެޓްގައި ޑޮމިނޭޓާސްއަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ޗުކުވުކާ މައިކަލް އެވެ. މިމެޗުގައި ޑޮމިނޭޓާސްގެ ބިދޭސީ ފޯވާޑް އިބްރާހީމް އޮލަޑިމޭޖީ ޖިމޯގެ ފަރާތުން ވަނީ ވަރަށް ރީތި މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވަނީ އިބްރާހީމް އެވެ.
މެޗުގައި ސެނޮންގެ ކުޅުންތެރިންނާއި ޑޮމިނޭޓާސްގެ އިބްރާހީމް އާއި ދެމެދު ހަމަނުޖެހުމެއް ވެސް ހިނގާފައިވެ އެވެ. ސެނޮންގެ ކުޅުންތެރިޔާ އިބްރާހިމްގެ މޭގައި ހިފާ ކޮށްޕާލިތަން ފެނުނެވެ.
މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިމެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުލަބް ތިލަދުންމައްޗެވެ. މިމެޗު ވެސް ފަށާނީ މާދަމާގެ ހަވީރު 4 ޖަހާއިރު އެވެ.