ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ޒިގްޒެގް ފޯރ ޔޫތް ލިންކޭޖުން މާއްޓޭ ސްޕޯޓްސް ކޮޅަށް 8 ލަނޑު ޖަހާ ސެމީއާ ގާތަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަނުން މިއަދު މާއްޓޭ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 8 - 0 ންނެވެ. މިމެޗުގައި ޒިގްޒެގް ޓީމުން ވަނީ މޮޅު އަދި ހިތްގައިމު ކުޅުމެއް ދައްކާފަ އެވެ.
ޒިގްޒެގުން ވަނީ މެޗު ފެށިގެން 5 މިނެޓުގެ ތެރޭގައި ދެލަނޑު ޖަހާފަ އެވެ. މިދެލަނޑު ވެސް އެޓީމަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ އެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލާބީއަށް ވަނީ ހެޓްރިކް ހެދުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަންނަ ގޮތެއް ނުވި އެވެ.
ފުރަތަމަ ހާފުގެ ތެރޭގައި އެޓީމުގެ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑު ވެސް ދެލަނޑު ޖަހާފައިވާއިރު އަބޫބަކުރު އާދަމް ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ޒިގްޒެގުން ވަނީ މެޗުގެ ފުރަތަަމަ ހާފު 5 ލަނޑުގެ ބޮޑު ލީޑެއް ނަގައިފަ އެވެ.
މިމެޗުން ބަލިވުމާއެކު މުބާރާތުން މާއްޓޭ ސްޕޯޓްސް ކަޓާނެ އެވެ. އެއާއެކު އެޓީމުން ދެވަނަ ހާފަށް ނުކުތީ ކުޅުން ރަނގަޅުކުރުމަށް ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ޕްރެޝަރުގައި އޮވެ ކުޅުނު މާއްޓޭ ސްޕޯޓްސްއާ ދެކޮޅަށް ޒިގްޒެގުން ވަނީ ދެވަނަ ހާފުގައި އިތުރު 3 ލަނޑު ޖަހާފަ އެވެ.
މިލަނޑުތައް އެޓީމަށް ޖަހައިދިނީ ހަސަން މުހައްމަދާއި އަހްމަދު ޖައިލަމްގެ އިތުރުން ޕްރިންސް ލާބީ އެވެ. ލާބީ ވަނީ މިމެޗުގައި ހެޓްރިކް ހަދާފަ އެވެ. އޭނާގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވަނީ ޕްރިންސް ލާބީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޒިގްޒެގުން ސެމީއާ ގާތަށް ޖެހިލިއިރު މާއްޓޭ ސްޕޯޓްސް މިވަނީ މުބާރާތުން ކަޓައިފަ އެވެ. މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުލަބް ޑޮމިނޭޓާސްއާއި ކުލަބް ކޮރަލްސް އެވެ. މިމެޗަކީ މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.