ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު މެޗުގައި ފަހު ވަގުތުކޮޅު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު މުހައްމަދު(އަންމަޑޭ) ޖެހި ލަނޑާއެކު ކޮރަލްސްއަށް ސެނީ ފައިނަލުގެ ޖާގައެއް ޔަގީންވެއްޖެ އެވެ.
މިއަދުގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އަންމަޑޭ ޖަހައިދިން ލަނޑާއެކު ކޮރަލްސްއިން ވަނީ ފަހަތުން އަރާ 2 - 2 ން މެޗުގެ ނަތީޖާ އެއްވަރުކޮށް ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
ކޮރަލްސްއަށް މުބާރާތުގެ އަނެއް ބުރު ޔަގީންކުރުމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެއާއެކު އެޓީމުން މިވަނީ ގްރޫޕްގެ ދެވަނައިގައި ސެމީއަށް ދަތުރު ކޮށްފަ އެވެ. އަދި މިގްރޫޕްގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރީ ޖުމްލަ 7 ޕޮއިންޓާއެކު ކުޅުނު ދެމެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ކުލަބް ޑޮމިނޭޓާސް އެވެ.
މިއަދުގެ މެޗު ފެށިގެން ދެޓީމުން ވެސް ފޯރިގަދަ ކުޅުމެއް ދެއްކިއިރު ލަނޑު ޖަހާނެ ފުރުސަތުތައް ވަނީ ފަހިކޮށްފަ އެވެ. މެޗުގައި ފުރަތަަމަ ލީޑު ނެގީ ޑޮމިނޭޓާސްއިންނެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި އެޓީމުގެ ބިދޭސީ ފޯވާޑް ޗުކުވުކާ މައިކަލް އެވެ. ޑޮމިނޭޓާސް އިން މެޗުގެ 13 ވަނަ މެޗުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑްފުޅާކުރި އެވެ. ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 13 ވަނަ މިނެޓްގައި ބިދޭސީ ކުޅުންތެރިޔާ އައިސާކް އަޑެވޫ އެވެ.
މިލަނޑާއެކު ކޮރަލްސްއިން ކުޅުން ރަނގަޅުކުރިއިރު އެޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ވެސް ފެނިގެން ދިޔަ އެވެ. އެޓީމުގެ އަރުޝަދު ހަސަންއަށް މެޗުގެ 72 ވަނަ މިނެޓުގައި ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފަ އެވެ.
ކޮރަލްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ ތައުމީމް ނޫހް ވަނީ މެޗުގެ 27 ވަނަ މިނެޓުގައި އެވެ. ނަމަވެސް ދެވަނަ ހާފުގައި ކޮރަލްސް އިން ވަނީ މޮޅު ކުޅުމެއް ދައްކައިދީފަ އެވެ. އެގޮތުން ކޮރަލްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ސަލާމަތްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު އެރި ތަޖުރިބާކާރު ކުޅުންތެރިޔާ އަންމަޑޭ އެވެ. މިމެޗުގެެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޗްގައި ޑޮމިނޭޓާސްގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ބޮޑު ރޯލެއް އަދާކުރި އެޓީމުގެ ބިދޭސީ ޑިފެންޑަރު ޗަމޯދު ދިލްޝަން އެވެ.
މިމުބާރާތުގެ މެޗެއް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ބައްދަލުކުރާނީ ކުލަބް ސެނޮން އާއި މަންޓާ ސްޕޯޓްސް އެކަޑަމީ އެވެ.