ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ކުލަބް ކޮރަލްސް ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބުކޮށްފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 2 - 1 ންނެވެ. މިމޮޅާއެކު އެޓީމު މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިއަދުގެ މެޗު ފެށިގެން ދެޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަަމަ ކޮޅު މޮޅަށް ކުޅެމުންދިޔައީ ކުލަބް ކޮރަލްސް އެވެ. ކޮރަލްސްގެ ފަރާތުން މެޗުގެ ކުރީކޮޅުގައި ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައިރު ރަނގަޅު ފުރުސަތުތަކެއް ވެސް ވަނީ އުފައްދާފަ އެވެ.
އެގޮތުން މެޗުގެ ކުރީކޮޅުގައި ކޯނަރު ދަނޑި ކައިރިން އެޓީމުގެ ޒައިން ޒަފަރުއަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު އާދަމް (ޒަރޭ) އަށް ޖައްސާލި ވަގުތު ޒަރޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
މިލަނޑާއެކު ކޮރަލްސްއިން ދެވަނަ ލަނޑެއް ޖެހުމަށް ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލަނޑާއެކު ހަނިމާދޫއިން ކުޅުން ވަރުގަދަކޮށް މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިލަނޑަކީ އޭރިއާ ބޭރުން ކޮރަލްސްގެ ގޯލު ކުރިމައްޗަށް ހަނިމާދޫ ކުޅުންތެރިއަކު ވަރަށް ރީތިކޮށް ނަގައިދިން ހުރަހެއް އެޓީމުގެ މުހައްމަދު ހާލިދު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ހާލިދު ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސްގައު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހާލިދު ހަނިމާދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އެވެ. އަދި ދެޓީމުން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް ހަނިމާދޫގެ މުހައްމަދު ހާލިދު ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަނިމާދޫ ކޮޅަށް އަނބުރާލާފަ އެވެ. މިއީ ކޮރަލްސްގެ އޭރިއާ ތެރެއަށް ހަނިމާދޫގެ ކުޅުންތެރިޔަކު ނަގައިދިން ހުރަހެއް މުހައްމަދު ހާލިދު ޑައިވިންގ ހެޑާއަކުން ކާމިޔާބުކޮށްދިން ހިތްގައިމު ގޯލެކެވެ.
ފުރަތަަމަ ހާފު ނިމުނީ 2 - 1 ން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ވަރުގަދަކޮށް ނުކުތްއިރު މި ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔައީ ކުލަބް ކޮރަލްސްއިންނެވެ. ގިނަވަގުތު ބޯޅަ ކުރީގައި ހިފަހައްޓައިގެން ކޮރަލްސްއިން ކުޅުނުއިރު އެޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ހާއްސަކޮށް މެޗުގެ ފަހުކޮޅު ކޮރަލްސްގެ މުހައްމަދު ރަޝީދު (ހޮކޭ) އާއި ޒައިން ޒަފަރުގެ ފަރާތުން ވަނީ ވަރަށް ރީތި މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މެޗު ނިމުނީ 2 - 1 ން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ މޮޅުވެގެންނެވެ.
މިއާއެކު ހަނިމާދޫއިން ކުލަބް ކޮރަލްސް ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް މިވަނީ ދަތުރު ކޮށްފަ އެވެ. އެޓީމުން އަންނަ ހުކުރު ދުވަހު ހަވީރު ފައިނަލުގައި ނުކުންނާނީ ފުރަތަަމަ ސެމީގައި ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް ބަލިކޮށް ފައިނަލަށް ދަތުރުކުރި ހިރިމަރަދޫ ކުލަބު ޑޮމިނޭޓާސްއާ ދެކޮޅަށެވެ.