ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި މިއަދު ފަހަތުން އަރާ 2 ލަނޑު ޖަހާ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން ކުލަބް ކޮރަލްސް ހިފަހައްޓައިފި އެވެ.
ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ހދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ބައްދަލުކޮށްފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ކުލަބު ކޮރަލްސް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ކޮރަލްސްއިންނެވެ. މިލަނޑަކީ ނޮޅިވަރަންފަރުގެ ކީޕަރަށް ސާފުކޮށް ނުލެވުނު ބޯޅައެް ހޯދާ އޭގެ ފައިދާ ނަގާ ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޮރަލްސްގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ކޮރަލްސްގެ ފުރަތަަމަ ލަނޑު ލާބީ ކާމިޔާބުކޮށްދިންއިރު މާގިނައިރުތަކެއް ނުވެ ކޮރަލްސްގެ މަތީން ބަޝީރު ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މިއީ އެޓީމުގެ ސާލިމް މުހައްމަދު އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މަތީން ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަަމަ ހާފު ނިމުނީ 2 - 0 ން ކޮރަލްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަބަ ހާފަށް ނޮޅިވަރަންފަރުން ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށް މޮޅުވުމުގެ އުންމީދުގަ އެވެ.
ނަތީޖާއެއްގެ ގޮތުން މެޗު ފެށިގެން 54 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ރިޔާޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ. އޭގެ 8 ވަރަކަށް މިނެޓު ފަހުން ނޮޅިވަރަންފަރުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެޓީމުގެ ޖޯޒީ ނަންބަރ 4 މުހައްމަދު ނިޒާމް އެވެ. ނޮޅިވަރަންފަރުގެ ދެލަނޑަކީ ވެސް ހިލޭ ޖެހުމަކުން އުފެއްދި ފުރުސަތަކުން ކާމިޔާބުކުރި ދެލަނޑެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުގެ ޖާޒީ ނަމްބަރ 4 މުހައްމަދު ނިޒާމް އެވެ. އޭނާގެ ފަރާތުން މިމެޗުގައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އަދި ގޯލެއް ވެސް ކާމިޔާބު ކޮށްފަ އެވެ.
މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުމުންދޫ ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ މަގުލަސް ކުލަބެވެ.