twitterviber whatsapp telegramfacebookyoutube instagram
20th September 2024

ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި ހިރަފުހުގެ މައްޗަށް ކުރިހޯދާ ކޮރަލްސް ފައިނަލަށް

މުޙައްމަދު އަހުމަދު
Sep 19, 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން ކުލަބް ކޮރަލްސްއިން ހިރަފުސް ސްޕޯޓްސް ކުލަބް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގައި ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔައިރު ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އޮތީ 2 - 2 ން އެއްވަރުވެފަ އެވެ. ރީތި ކުޅުމެއް ދެޓީމުން ވެސް ދެއްކިއިރު މެޗުގެ ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ ކުލަބް ކޮރަލްސްއިންނެވެ.

ކޮރަލްސްއަށް މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ) އެވެ. މިއީ ކޮރަލްސްގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލިމޭ ކާމިޔާބު ކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ ގިނަ ވަގުތު ކޮރަލްސް ލީޑު ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިރަފުހުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ޗުކުވުކާ މައިކަލް އެވެ.

ފުރަތަަމަ ހާފު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. ދެވަނަ ހާފަށް ނުކުމެ މާގިނައިރުތަކެއް ނުވެ ކޮރަލްސްއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ދެޗަބަ ފަހަރަށް މެޗުގެ ލީޑު ނަގާފަ އެވެ. މިލަނޑު ވެސް އެޓީމަށް ޖަހައިދިނީ ލިމޭ އެވެ. މިއީ ހިރަފުހުގެ ކުޅުންތެރިއެއް އަތުން ގެއްލުނު ބޯޅައެއް އޭރިއާ ބޭރުން ދުރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ލިމޭ ކާމިޔާބުކޮށްދިން ހިތްގައިމު މޮޅު ގޯލެކެވެ.

ހިރަފުހުން އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފަހުވަގުތު ކޮޅު އެވެ. އޭރިއާ ތެރެއަށް އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ނަޝީދު (ފޯވާޑް) ނަގައިދިން ރީތި ހުރަހެއް ކޮރަލްސްގެ ޑިފެންޑަރުންނަށް ސާފު ނުކޮށްލެވި އުޅެނިކޮށް ހިރަފުހުގެ އިބްރާހީމް ހުސެއިން (މައްލެ) ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓް ވެސް ދިޔައީ ވަރަށްވެސް ފޯރިގަދަކޮންނެވެ. ހިރަފުހުގެ ފުރަތަމަ ތިން ޕެނަލްޓީ ނާކާމިޔާބުވިއިރު ކޮރަލްސްގެ އަރުޝަދު ހަސަން (އަރޭ) އަދި ހުސެއިން އަހްމަދު (ބޮކްސް)ގެ ޕެނަލްޓީ ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓް ކޮރަލްސްއިން 3 - 1 ގެ ނަތީޖާއަކުންނެވެ. ކޮރަލްސްއިން ކާމިޔާބު ކުރި ޕެނަލްޓީތައް އެޓީމަށް ޖަހައިދިނީ އާދަމް އާޒިމްއާއި ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ އަދި މެޗުގައި މޮޅުކުޅުމެއް ދެއްކި ލިމޭ އެވެ.

ހިރަފުހުން ކާމިޔާބު ކުރި ހަމައެކަނި ޕެނަލްޓީ އެޓީމަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖެރީ އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ތަފާތު މޮޅުކުޅުމެއް ދެއްކި ކުލަބް ކޮރަލްސްގެ ގޯލް ކީޕަރު މާހީ އަބްދުﷲ އަށެވެ.

މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލުގެ މެޗު މާދަމާ ކުޅެވޭނެ އެވެ. ދެވަނަ ސެމީގައި އިންފިނިޓީ އެކަޑަމީން ނުކުންނާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މިމެޗުން މޮޅުވާ ޓީމަކާ ފައިނަލުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355