ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުދުއްފުށީ އިންފިނިޓީ އެކަޑަމީ އާއި ޓީމް ނެއްލައިދޫ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗުގެ ކުރިން ޓީމު ނެއްލައިދޫއިން ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން މެޗު ކުޅުމަށް އޮތް ފުރުސަތު ގެއްލިއްޖެ އެވެ.
އެންމެފަހުން ނެއްލައިދޫއިން ހިރަފުސް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހިގެން ދަނޑުން ފައިބާ މެޗު ދޫކޮށްލުމުން މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ވަނީ ނެއްލައިދޫ ޖޫރިމަނާ ކޮށްފަ އެވެ.
ހދ އަތޮޅު ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީ މިދިޔަ ހުކުރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ މެޗް ފުރިހަމަނުކޮށް، ޓީމު ނެއްލައިދޫ މެޗް ދޫކޮށް ދަނޑުން ފައިބާފައިވާތީ ގަވައިދުގެ ދަށުން އެ ޓީމާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
؛ހިރަފުސް ކުލަބު އަދި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ފުރިހަމަނުކޮށް، ޓީމް ނެއްލައިދޫ ދަނޑުން ފައިބާފައިވާތީ، މުބާރާތުގެ ގަވައިދުގެ 16.1 ގައި ވާގޮތުގެ މަތިން ޓީމް ނެއްލައިދޫން މެޗު ދޫކޮށްލާފައިވާކަން ސާބިތުވާކަމަށް މި މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފަ އެވެ.؛
އެހެންވުމުން ޓީމް ނެއްލައިދޫ 5000 ރުފިޔާ ޖޫރިމަނާކޮށް، އެ ފައިސާ 17 ސެޕްޓެމްބަރުގެ 12:00 ގެ ކުރިން މުބާރާތް އިންތިޒާމުކުރާ ފަރާތަށް ދައްކަން ޖެހޭނެކަމަށްވެސް ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފަ އެވެ. ޖޫރިމަނާ ފައިސާ ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ޓީމް ނެއްލައިދޫއަށް މިމުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި ނުކުޅެވޭނެކަމުގައިވެސް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.
މިއާއެކު މިއަދުގެ މެޗުގައި ޓީމް ނެއްލައިދޫއަށް ނުކުޅެވޭނެ އެވެ. އަދި މިއަދު ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މިމުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޓީމް ނެއްލައިދޫއިން ޖޫރިމަނާ ފައިސާ ނުދެއްކުމުގެ ސަބަބުން، މިއަދު އެޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާ އިންފިނިޓީ އެކަޑަމީ ޓީމަށް، އެޓީމު މިއަދުގެ މުބާރާތުގެ މެޗު ކުޅުމުގެ ފުރުސަތު ގެއްލިފައިވާތީ، އިންފިނިޓީ އެކަޑަމީއަށް 3 ޕޮއިންޓާއި ފައިދާ 2 ގޯލު ލިބޭނެ ކަމަށެވެ.
މިއާއެކު ގްރޫޕްގެ އެއްވަނައިގައި ކުޅުނު 3 މެޗުން 7 ޕޮއިންޓާއެކު އެޓީމް މިވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އިންފިނިޓީއަށްވުރެ އެއް ޕޮއިންޓް މަދުން ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައި ސެމީއަށް ދަތުރުކުރީ ހިރަފުސް ސްޕޯޓްސް ކުލަބެވެ.
މިގްރޫޕްގެ ތިންވަނައިގައި އޮތީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ. އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ނެއްލައިދޫއަށް ޕޮއިންޓެއް ނުލިބެ އެވެ.
ސެމީ ފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު އެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅެވޭ ފުރަތަަމަ ސެމީ ފައިނަލުގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕްގެ އޭގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި ކުލަބް ކޮރަލްސްއާއި ގްރޫޕް ބީގެ ދެވަނައިގައި ސެމީއަށް ދަތުރުކުރި ހިރަފުސް ސްޕޯޓްސް ކްލަބެވެ.
އަދި ހުކުރުދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕްގެ ބީގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި އިންފިނިޓީ އެކަޑަމީ އާއި ގްރޫޕް އޭގެ ދެވަނައިގައި ސެމީއަށް ދަތުރުކުރި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ.