twitterviber whatsapp telegramfacebookyoutube instagram
21st September 2024

އިންފިނިޓީ އެކަޑަމީގެ މައްޗަށް ހަނި މޮޅަކާއެކު ނޮޅިވަރަންފަރުން ފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު އަހުމަދު
Sep 20, 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު މެޗުގައި މިއަދު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން ހަނި ތަފާތަކުން އިންފިނިޓީ އެކަޑަމީގެ މައްޗަށް ކުރިހޯދާ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ނޮޅިވަރަންފަރުން އިންފިނިޓީ އެކަޑަމީގެ މައްޗަށް ކުރިހޯދައިފައިވަނީ 3 - 2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެސް ނޮޅިވަރަންފަރުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ ހުސެއިން ޝަރީފް އެވެ.

ހުސެއިން ޝަރީފްގެ ލަނޑާއެކު ފުރަތަަމަ ހާފު ނިމުނީ ނޮޅިވަރަންފަރު 1 ލަނޑުގެ ލީޑެއްގައި އޮވެ އެވެ. ފުރަތަމަ ހާފުގައި އިންފިނިޓީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުންކަން ފާހަގަކުރެވެ އެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް ނިންމާލެވޭ ގޮތެއް ނުވި އެވެ.

ނަމަވެސް އިންފިނިޓީން ދެވަނަ ހާފަށް ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ ނަތީޖާ އަންބުރާލުމަށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން 10 ވަރަކަށް މިނެޓު ތެރޭ އެޓީމުގެ މުހައްމަދު ނައުޝާދު ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މިލަނޑާއެކު ނޮޅިވަރަންފަރު ވެސް ކޮންމެވެސް ވަރަކަށް ޕްރެޝަރަށް ވެއްޓުނެވެ. ނަމަވެސް ހަމަޖެހިލައިގެން ކުޅެމުންދިޔަ ނޮޅިވަރަންފަރުގެ ޓީމުން އަލުން ލީޑު ނަގާކަށް މާގިނައިރުތަކެއް ނުވެ އެވެ. 66 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހީމް ވަހީދު (އިއްބެ) ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މިލަނޑާއެކު އިންފިނިޓީ ޕްރެޝަރަށް ވެއްޓުނުއިރު މެޗު ނިމެން 4 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ނޮޅިވަރަންފަރުގެ އަލީ ނަސޫހް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމު ފައިނަލާއި ގާތަށް ޖައްސާލަދީފަ އެވެ. މިލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިންފިނިޓީގެ އާދަމް ނަސީމް އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު އެޓީމަށް ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވި އެވެ.

މިމޮޅާއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން މިވަނީ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެޓީމުން ފައިނަލުގައި ނުކުންނާނީ ކުޅުދުއްފުށީ ކުލަބް ކޮރަލްސްއާ ދެކޮޅަށެވެ.

މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ވެސް މިދެޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެމެޗު ނިމުނީ 2 - 2 ން ދެޓީމު އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ދެޓީމު ވެސް އެއް ގްރޫޕެއްގައި ލައްވާލި އިރު ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ ކޮރަލްސްއިންނެވެ. އަދި ދެވަނައަށް ދިޔައީ ނޮޅިވަރަންފަރެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355