twitterviber whatsapp telegramfacebookyoutube instagram
19th September 2024

ހިތްގައިމު ލަނޑު ތަކަކާއެކު ސާއްބަ އެކުވެރި ކްލަބުން ނެއްލައިދޫގެ މައްޗަށް ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Sep 8, 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ހަނިމާދޫއިން ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި ސާއްބަ އެކުވެރި ކްލަބުން ނެއްލައިދޫގެ މައްޗަށް ކުރިހޯދާފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވެސް މޮޅުކުޅުމެއް މެޗުގައި ފެނުނުއިރު ހަނިމާދޫ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކަން ފާހަގަކޮށްލެވެ އެވެ. އެޓީމުން ވަނީ ރީތި ކުޅުމެއް ދައްކާ ރަނގަޅު ފުރުސަތުތައް އުފައްދާފަ އެވެ.

މެޗުގައި ފުރަތަަމަ ލަނޑު ޖެހީ ވެސް ސާއްބައިންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި އެޓީމުގެ ކުޅުންތެރިޔަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަލީ ހުސައިން (ދަގަނޑޭ) އެވެ.

ދަގަނޑޭ ލަނޑުޖެހިތާ ގިނައިރުތަކެއް ނުވަނީސް ނެއްލައިދޫ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ނެއްލައިދޫގެ މުހައްމަދު އަސްލަމަށް ހަނިމާދޫގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހަސަން ޝާމިލް ކާމިޔާބު ކުރި ލަނޑެކެވެ. ޝާމިލް ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފަ އެވެ.

މެޗުގެ ފުރަތަަމަ ހާފު ނިމުނީ މި ނަތީޖާގައި ދެޓީމު އެއްވަރުވެ އޮވެ އެވެ. ދެވަނަ ހާފަށް ދެޓީމުން ވެސް ކުޅުން އިތުރަށް ވަރުގަދަކޮށް ނުކުތްއިރު މިހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފައިވެ އެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ ހަނިމާދޫއަށް އަނބުރާލެވޭ ގޮތްވީ މެޗުގެ އެންމެ ފަހު ކޮޅުގަ އެވެ.

އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދައްކަމުން ދިޔަ މުހައްމަދު އަބްދުލް ގަފޫރެވެ. އޭނާ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ފޮނުވާލީ ގޯލުގެ ދުރުން މަތީ ކަނަށެވެ. ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އޭނާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.

އެޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މުހައްމަދު އަބްދުލް ގަފޫރެވެ. މިއީ 86 ވަނަ މިނެޓުގައި ހަނިމާދޫއަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ވާގޮތަށް ނަގައިދިން ވަގުތު ކުރިއަށް އަރާ ބާރު ހަމަލާ އަކުން އޭނާ ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވަނީ މެޗުގައި ދެލަނޑު ޖަހާ ހިތްގައިމު މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަބްދުލް ގަފޫރެވެ.

މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ އިންފިނިޓީ އެކަޑަމީއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބެވެ. މިމެޗަކީ މުބާރާތުގެ ފެންނާނެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355