ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ފަހު ވަގުތު ހިރަފުހުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކީޕަރު ދިފާއުކޮށް އިންފިނިޓީ ސަލާމަތްކޮށްދީފި އެވެ.
މިއަދުގެ މެޗުގައި ހިރަފުހާއި އިންފިނިޓީ އެކަޑަމީ ބައްދަލުކުރި މެޗު ނިމުނީ 2 - 1 ން އިންފިނިޓީ އެކަޑަމީ މޮޅުވެގެންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފަ އެވެ.
މެޗު ވަރުގަދަކޮށް ފެށީ އިންފިނިޓީ އިންނެވެ. އެޓީމުން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މިލަނޑަކީ އެޓީމުގެ ތައުމީމް ނޫހް ކާމިޔާބު ކުރި ލަނޑެކެވެ. މިލަނޑާއެކު ހިރަފުހުން ވެސް ވަނީ މެޗުގެ ކުޅުން ރަނގަޅުކޮށްފަ އެވެ.
ނަމަވެސް ފުރަތަމަ ހާފު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔައީ އިންފިނިޓީ އިންނެވެ. އެޓީމުން ވަނީ 32 ވަނަ މިނެޓުގައި އުފާލް އަބްދުﷲ ޖަހައިދިން ގޯލުން ފަރަގު ފުޅާކޮށްފަ އެވެ.
ހިރަފުހުން ދެވަނަ ހާފަށް ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. އެގޮތުން މިހާފުގައި އެޓީމުގެ ފަރާތުން ވަނީ ވަރަށް ރީތި ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު އިންފިނިޓީގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް ނާކާމިޔާބު ކޮށްލާފަ އެވެ.
ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ހިރަފުހުގެ ބިދޭސީ ފޯވާޑް ޗުކުވުކާ މައިކަލް ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފަ އެވެ. މެޗުގެ ފަހުކޮޅު ހިރަފުހަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އިންފިނިޓީގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
މީގެ އިތުރުން ވެސް މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރުމަށް ހިރަފުހުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާތައް ވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އިންފިނިޓީ އެކަޑަމީގެ ޖޯޒީ ނަންބަރު 21 އާދަމް ނަސީމް އެވެ. މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީގެ ދެޓީމެވެ. އެއީ ކުލަބް ކޮރަލްސްއާއި މަގުލަސް ކުލަބެވެ.