ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ކުމުންދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
ނޮޅިވަރަންފަރުން މިމެޗު ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ. މިމެޗުގައި އެޓީމުން ވަނީ ރީތި މޮޅު ކުޅުމެއް ދައްކާ މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެފަ އެވެ.
މުޅި ގޭމް އެއްކޮށް ޑޮމިނޭޓްކޮށްގެން ނޮޅިވަރަންފަރުން ކުޅުނުއިރު މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ ވެސް ނޮޅިވަރަންފަރުންނެވެ. މެޗުގެ ކުރީކޮޅު، 12 ވަނަ މިނެޓުގައި އައްޒާމް އަބްދުﷲ އެޓީމަށް ކުމުންދޫގެ ގޯލު ހުޅުވާލަ ދިނެވެ.
އައްޒާމް ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ އޭގެ ތިންވަރަކަށް މިނެޓު ފަހުން އެޓީމުގެ ހުސެއިން ޝަރީފް ވަނީ ނޮޅިވަރަންފަރަށް ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު 2 ލަނޑުގެ ލީޑެއް ނޮޅިވަރަންފަރުން ނަގާފައި އޮއްވާ މެޗުގެ 28 ވަނަ މިނެޓުގައި ކުމުންދޫގެ މުހައްމަދު ޝަރީފް ވަނީ އެޓީމަށް މެޗުގެ ފަރަގު ކުޑަކޮށްދީފަ އެވެ.
ފުރަތަަމަ ހާފު ނިމިގެން ދިޔައީ 2 - 1 ން ނޮޅިވަރަންފަރު ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ނުކުމެ ވެސް މާގިނައިރުތަކެއް ނުވެ ނޮޅިވަރަންފަރުން ވަނީ އަނެއްކާވެސް މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެމުންދިޔައީ ނޮޅިވަރަންފަރުންނެވެ.
މެޗުގެ 53 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ހުސެއިން ޝަރީފް އެވެ. އޭގެ ދެ މިނެޓްފަހުން 55 ވަނަ މިނެޓުގައި ނޮޅިވަރަންފަރުގެ އާދަމް ސައީދު އެޓީމުގެ 4 ވަނަ ލަނޑު ޖަހައިދިން އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު (އިއްބެ) އެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުގެ ހުސެއިން ޝަރީފް އެވެ. އޭނާ ވަނީ މެޗުގައި ދެލަނޑު ޖަހާފަ އެވެ.
މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ހިރަފުސް ސްޕޯޓްސް ކުލަބާއި ޓީމް ނެއްލައިދޫ އެވެ.