ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި ނެއްލައިދޫ ސްޕޯޓްސް ކުލަބާއި ކުލަބު ހިރަފުސް ބައްދަލުކުރި މެޗުގެ ފަހު ވަގުތު ރެފްރީގެ ނިންމުމާ ހިތްހަމަނުޖެހިގެން މެޗް ދޫކޮށް ދަނޑުން ފޭބުމުން އެ ޓީމާ މެދު ފިޔަވަޅު އަޅައިފި އެވެ.
ހދ އަތޮޅު ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ މެޗް ފުރިހަމަނުކޮށް، ޓީމު ނެއްލައިދޫ މެޗް ދޫކޮށް ދަނޑުން ފައިބާފައިވާތީ ގަވައިދުގެ ދަށުން އެ ޓީމާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
" ހިރަފުސް ކުލަބު އަދި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ފުރިހަމަނުކޮށް، ޓީމް ނެއްލައިދޫ ދަނޑުން ފައިބާފައިވާތީ، މުބާރާތުގެ ގަވައިދުގެ 16.1 ގައި ވާގޮތުގެ މަތިން ޓީމް ނެއްލައިދޫން މެޗު ދޫކޮށްލާފައިވާކަން ސާބިތުވާކަމަށް މި މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފަ އެވެ."
އެހެންވުމުން ޓީމް ނެއްލައިދޫ 5000 ރުފިޔާ ޖޫރިމަނާކޮށް، އެ ފައިސާ 17 ސެޕްޓެމްބަރުގެ 12:00 ގެ ކުރިން މުބާރާތް އިންތިޒާމުކުރާ ފަރާތަށް ދައްކަން ޖެހޭނެކަމަށްވެސް ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފަ އެވެ. ޖޫރިމަނާ ފައިސާ ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ޓީމް ނެއްލައިދޫއަށް މިމުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި ނުކުޅެވޭނެކަމުގައިވެސް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ޓީމް ނެއްލައިދޫ މި މެޗުން ބަލިވިކަމުގައި ނިންމާ ގަވައިދުގައިވާގޮތުން ހިރަފުސް ސްޕޯޓްސް ކުލަބަށް މެޗް ލިބިފައިވާކަމަށްވެސް ނިންމި އެވެ. އަދި ހިރަފުހަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބިފައިވާ ކަމަށާއި މެޗް ދޫކޮށްލި ޓީމް ނެއްލައިދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާކަމަށްވެސް ޑިސިޕްލިނަރީން ކޮމެޓީން ވަނީ ނިންމާފަ އެވެ.
އެހެންނަމަވެސް މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވީކަމުގައި ނުވިނަމަވެސް ޓީމް ނެއްލައިދޫއިން މެޗު ދޫކޮށްލުމާހަމައަށް މިމެޗުގައި ޖަހާފައިވާ ލަނޑުތައް، އެ ލަނޑު ޖެހި ކުޅުންތެރިންގެ ނަމުގައި ބެލޭނެކަމަށްވެސް ޑިސިޕްލިނަރީ ކޮމެޓީން ނިންމި އެވެ.
ބުރާސްފަތިދުވަހު ކުޅުނު މެޗުގައި ނެއްލައިދޫ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރީ މެޗުގެ ފަހުކޮޅު ދެއްކި އިތުރު ވަގުތުގެ 3 މިނެޓުގެ ތެރެއިން ފަހު މިނެޓުގައި އެޓީމުގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ރެފްރީ ހިރަފުސް ސްޕޯޓްސް ކްލަބަށް ޕެނަލްޓީއެއް ދިނުމުންނެވެ. މިކަމާ ގުޅިގެން މެޗުގެ އޮއިވަރު ބަދަލުވެ ހޫނުވި އެވެ. ޓީމް ނެއްލައިދޫގެ ބެންޗުން ދަނޑަށް ފުޅިއެއް އެއްލި މަންޒަރުވެސް ފެނުނެވެ.
ނެއްލައިދޫގެ ކުޅުންތެރިން ރެފްރީއާ ދިމާލަށް ދިޔަ އެވެ. އެއަށްފަހު ހިތްހަމަނުޖެހުންފާޅު ކުރުމަށްފަހު ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. ކުޅުންތެރިން މެޗް ދޫކޮށް ދަނޑުން ފޭބިއިރު މެޗް ނުނިމި ހުރީ ގާތްގަނޑަށް 50 ހަކަށް ސިންކުންތެވެ. ދެފަހަރެއްގެމަތިން ރެފްރީ ކުޅުންތެރިން އަނބުރާ ދަނޑަށް އެރުމަށް އެންގުމަށް ފަހު ނޭރުމުން ރެފްރީ ވަނީ މެޗު ނިންމާލާފަ އެވެ.
މެޗު ނިންމާލަން ޖެހުނީ ޕެނަލްޓީ ވެސް ނުޖަހާކަން ފާހަގަކޮށްލެވޭއިރު މިކަމާ ގުޅިގެން ހިރަފުހުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗު ނިމިގެން ދިޔައީ 3 - 3 ން އެއްވަރުވެގެންނެވެ.