ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި މިއަދު ސާއްބަ އެކުވެރި ކްލަބާއި އިންފިނިޓީ އެކަޑަމީ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ އެވެ.
މިއަދު ހަވީރު ކުޅެވުނު މެޗުގައި ސާއްބަ އެކުވެރި ކްލަބާއި އިންފިނިޓީ އެކަޑަމީ އެއްވަރުވީ 2 - 2 ންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅުގައި އިންފިނިޓީ އެކަޑަމީގެ ކުޅުން ވަކިން ފާހަގަކޮށްލެވިގެން ދިޔަ އެވެ.
މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނަގާފައިވަނީ އިންފިނިޓީ އެކަޑަމީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖޯޒީ ނަންބަރު 17 ރައިޝާން އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ރައިޝާން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި މެޗުގެ ފަރަގު ބޮޑުކޮށް ހަނިމާދޫގެ ސާއްބަ ޕްރެޝަރަށް ވައްޓާލާފަ އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާއްބައިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށް އުއްމީދު އާކޮށްފަ އެވެ. ފުރަތަަމަ ހާފުގެ ފަހުކޮޅުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް އަލީ ހުސައިން (ދަގަނޑޭ) އެވެ. މިއީ އިންފިނިޓީން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަަމަ ހާފު ނިމުނީ 2 - 1 ން އިންފިނިޓީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފަށް ނުކުމެ ހަނިމާދޫގެ ސާއްބައިން ކުޅުން ރަނގަޅުކުރި އެވެ. އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 87 ވަނަ މިނެޓުގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ އެޓީމަށް ޕޮއިންޓެއް ހޯދައިދިނީ އެޓީމުގެ ޖޯޒީ ނަންބަރު 21 މުހައްމަދު ނާފިޒެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ މަގުލަހާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ